ޚަބަރު

ހުޅުމާލޭގެ މަގުހަދާ ސަރަހައްދުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފި


  • މަސައްކަތް ކުރިޔަށްދާ ވަގުތު ބައެއް މަގުތައް ބަންދުކުރާނެ

  • މި މަސައްކަތް ކުރިޔަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން

ހުޅުމާލޭގެ މަގުތައް މާރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ޢާއްމުން ނުވަނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝާން އެޗްޑީސީން އިލްތިމާސް ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ، ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް ވީހާވެސް ބުރޫނާރާނެ ގޮތަކަށް ބަލައިގެން ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.

އެޗްޑީސީން ވިދާޅުވީ، މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ބައެއް މަގުތައް ވަގުތީ ގޮތުން ބަންދުކުރެވޭނެ ކަމަށެވެ. އެހެންކަމުން، މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަނުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެޗްޑީސީން ވިދާޅުވީ، މި މަސައްކަތަކީ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މަޝްރޫއާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭ ކަމަށެވެ.

އެޗްޑީސީން އަންނަނީ ހަލާކުވެފައިވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ފްލެޓް ހުންނަ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސަތްކަތް ވެސް ކުރަމުންނެވެ. އެޗްޑީސީން ވިދާޅުވީ، އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން އެކިއެކި ކުންފުނިތަކާއި ޙަވާލުކޮށްގެން މާލޭގެ މަގުތަކާއި ހުޅުމާލެ އަދި އަތޮޅުތެރޭގެ ރަށްތަކުގެ މަގުތައް ހެދުމުގެ އެތައް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ.