ޚަބަރު

ޖޫނިއާ ވިމެންސް ޑިވިޝަން ހިމެނޭގޮތަށް ބުރުނު ޝިކާރު މާދަމާ ފަށަނީ


  • މިއީ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް

  • މުބާރާތުގައި ޖުމްލަ 35 އެތުލީޓުން ވާދަކުރޭ

  • މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 އިން އަންނަމަހުގެ 1 ގެ ނިޔަލަށް

މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ބުރުނު ޝިކާރު ބޮޑިބޯޑިން ޗެލެންޖްގެ 8 ވަނަ އެޑިޝަން މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ މުބާރާތް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މާދަމާ ފެށޭއިރު، މިމުބާރާތުގައި މުޅިން އަލަށް ޖޫނިއާ ވިމެންސް ޑިވިޝަން މިއަހަރުވަނީ ހިމަނާފައެވެ.

އެމްބީބީއޭ އިން އިންތިޒާމުކުރާ ބުރުނު ޝިކާރު ބޮޑިބޯޑިން ޗެލެންޖަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ބޮޑީބޯޑިން މުބާރާތަށްވާއިރު މިއީ ޤައުމީ ބޮޑީބޯޑިން ލީގުގެ ގޮތުން ބާއްވާ ފުރަތަމަ މުބާރާތެވެ.

މުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްބީބީއޭގެ ޖެނެރަލް ސެކްރެޓެރީ ހަސަން ރަޝީދް ވިދާޅުވީ މިއަހަރުގެ މުބާރާތުގައި 35 އެތުލީޓުން 4 ޑިވިޝަނެއްގައި ވާދަކުރާނެކަމަށެވެ. މުބާރާތުގައި ހިމެނޭ ޑިވިޝަންތަކަކީ މެންސް އޯޕެން، ޖޫނިއާ މެންސް، ޑްރޮޕް ނީ ގެ އިތުރުން އަލަށް ތައާރަފްކުރި ވިމެންސް ޖޫނިއާ ޑިވިޝަންއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށެވެ. މުބާރާތުގައި 35 ބޮޑީބޯޑަރުން ވާދަކުރާއިރު އެންމެ ފުރަތަމަ ކުރިއަށްދާނީ ސީނިއާ މެންސް އާއި ޖޫނިއާ މެންސް އަދި ޑްރޮޕް ނީ އިވެންޓުކަމަށާއި އަންހެންކުދިންނަށް ޚާއްސަ ޖޫނިއާ ވިމެންސްގެ ހީޓް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ރާޅުތައް ކުދިވާ ވަގުތުކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.

"35 އެތުލީޓުން ވާދަކުރޭ، އެއީ މެންސް އޯޕަންގައި 22، މެންސްގައި 10، ޑްރޮޕް ނ ގައި 9 އަދި ޖޫނިއާ ވިމެންސް ގައި 10. ފަސް ދުވަހަށް ކުރިއަށްދާނެ. ފުރަތަމަ މި ބާއްވަނީ ސީނިއާ މެންސް އާއި ޖޫނިއާ މެންސް އަދި ޑްރޮޕް ނީ. އެއަށްފަހު ރާޅުތައް ކުދިވީމަ އަލަށް މި ފަށާ ޖޫނިއާ ވިމެންސް ފަށާނީ. އެކުދިންގެ ސޭފްޓީއަށް ވިސްނާފަ މިގޮތަށް ނިންމީ" ހަސަން ވިދާޅުވިއެވެ.

އެމްބީބީއޭގެ ލީގުގައި އަދި އިތުރު ދެ މުބާރާތް ހިމެނެއެވެ. އެއީ މާލެއިން ބޭރުގައި ބޭއްވުމަށް ރާވަމުން އަންނަ މުބާރާތެއްގެ އިތުރުން ޤައުމީ ބޮޑިބޯޑިން މުބާރާތްކަމަށްވާ ބަނޑުފިލާ ޗެލެންޖްއެވެ.

މިމުބާރާތަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ލިބިގެންގެންގޮސްފައިވާއިރު، ފާއިތުވެދިޔަ އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަލީ ޚުޝްރުވާން އަޙްމަދު، އިޔަން އަޙްމަދުގެ އިތުރުން އާމިން އުމަރު މޫސާ އެވެ.