ވަން ގޭމް ބީޗް ހޭންޑްބޯލް ޗެލެންޖް އެޑިޝަންގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޒެފާޒް ސްޕޯޓްސް ކުލަބުން ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފިއުޗަރ ސްޕޯޓްސް ކުލަބު އެކަޑެމީން ހޯދައިފިއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޒެފާޒް އިން ހޯދީ ފައިނަލް މެޗުގައި ކުލަބު ހުޅުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗު ޒެފާޒް އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދެވެ.
މެޗުގެ ފުރަތަމަ ސެޓުން ޒެފާޒް މޮޅުވީ 9-16 އިންނެވެ. އަދި މެޗުގެ ދެވަނަ ސެޓު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސެޓުގައި ކުލަބު ހުޅުން ރަނގަޅު ފައިޓެއް ދިންއިރު މި ސެޓު ޒެފާޒްއިން ކާމިޔާބުކުރީ 11-12 އިންނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފާޒްގެ ފާތިމަތު ޖުނާއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފިއުޗަރ އިން ހޯދީ ފައިނަލުގައި ސުޕާ ޖެނެރޭޝަން ކުލަބު (އެސްޖީސީ) ގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދައިގެންނެވެ.
މި މެޗު ޝަރަފުވެރިކޮށްދެއްވީ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފެވެ.
މެޗުގެ ފުރަތަމަ ސެޓު ފިއުޗަރ އިން ގެންދިޔައީ ވަރަށް ފަސޭހަކަމާއެކު، ބޮޑު ލީޑަކާއެކުއެވެ. މި ސެޓުން ފިއުޗަރ މޮޅުވީ 13-30 އިންނެވެ. ފުރަތަމަ ސެޓުގައި ފަސޭހަ މޮޅެއް ހޯދުނު ނަމަވެސް ދެވަނަ ސެޓުގައި އެސްޖީސީން ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކުރިއިރު، މި ސެޓު ވެގެންދިޔައީ ވަރަށް ވާދަވެރި ސެޓަކަށެވެ.
މި ސެޓުގެ 10 މިނެޓުގެ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 18-18 އިން އެއްވަރުވެފައެވެ. އެހެންކަމުން ގޯލްޑަން ގޯލަށް ކުޅެން ޖެހުނުއިރު ގޯލްޑަން ގޯލް ކާމިޔާބުކޮށް، މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މި މެޗުގެ ދެ ސެޓުން ހޯދި މޮޅާއެކު ލިބުނީ ފިއުޗަރ ސްޕޯޓްސް ކުލަބު އެކަޑަމީ އަށެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއުޗަރގެ އައްފާން އާތިފްއެވެ.
ހުޅުމާލެ ބީޗް ހޭންޑްބޯލް ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި ދެ ޑިވިޝަނުގައި ޖުމްލަ 19 ޓީމު ބައިވެރިވިއެވެ. އެއީ އަންހެން ޑިވިޝަނުގައި 11 ޓީމާއި ފިރިހެން ޑިވިޝަނުގައި އަށް ޓީމެވެ.