ޚަބަރު

ޒެނިތް، އެން ސްޕޯޓްސް އަދި ފިއޯންތީއަށް މޮޅެއް


  • މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 30ގެ ނިޔަލަށް

  • މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ 4 ޓީމާއި ދެވަނަ ޑިވިޝަނުގެ 12 ޓީމުން ވާދަކުރޭ

ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 23 ވަނަ ގައުމީ ނެޓުބޯޅަ މުބާރާތުގައި އިއްޔެވެސްވަނީ ދެވަނަ ޑިވިޝަނުގެ ތިން މެޗެއް ކުޅެފައެވެ.

އެގޮތުން އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު ފެނުނީ ފޯރި ގަދަ މެޗެއްގެ ގޮތުގައެވެ. ގާތްގާތުގައި ވާދަކުރަމުން ދިޔަ މިމެޗުގައި ޒެނިތް ސްޕޯޓްސް ކްލަބުންވަނީ 25-21 ގެ ތަފާތަކުން އިންވިންކްޓޯ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޝިޔާޒާ ޢަލީއެވެ.

އިއްޔެގެ ދެވަނަ މެޗުގައި އެން ސްޕޯޓްސް އެކަޑަމީ އެއްކޮޅުން ނުކުތް އިރު، އެޓީމާއި ދެކޮޅަށް ކުޅެފަވަނީ ބްލެކް ޕެންތާސްއެވެ. މިމެޗު ފަސޭހަކަމާއެކު އެން ސްޕޯޓްސް އެކަޑަމީއިން ވަނީ 28-11 އިން ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އެން ސްޕޯޓްސް އެކަޑަމީގެ އަނާ އިބްރާހިމެވެ.

އިއްޔެގެ ފަހު މެޗުގައި ވާދަކުރީ އައުޖީލަކަށް އަދި ފިއޯންތީ ސްޕޯޓްސް ކްލަބެވެ. މިމެޗު 40-23 ގެ ބޮޑު ފަރަގަކުން ފިއޯންތީ ނެގިއިރު، މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ އާމިނަތު އަލްމިރާ އަހްމަދު އަތީކެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ 4 ޓީމާއި ދެވަނަ ޑިވިޝަނުގެ 12 ޓީމުން ވާދަކުރެއެވެ. މިމުބާރާތުގެ ކުޅުން މިމަހުގެ 19 ވަނަ ދުވަހު ފަށާފަވާއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

23 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގައި މިއަދުވެސް ދެވަނަ ޑިވިޝަނުގެ ދެ މެޗު ކުޅޭނެއެވެ. އެގޮތުން ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް މެޓްރިކްސްއާއި ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ)އިން ބައްދަލުކުރާއިރު، މިރޭގެ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ އެމްވީ ނެޓާސްއާއި ދެކޮޅަށެވެ.

މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ތެރޭގައި ހިމެނެނީ ދާދިފަހުން ނިމުނު ނެޓްބޯޅަ ލީގުގެ ޗެންޕިއަނުންކަމަށްވާ ކުލަބު މެޓްރިކްސް، ސީ ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ އަދި އެމްވީ ނެޓާސްއެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތައް 3 ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭގައި ހިމެނެނީ ސުޕަ ޖެން ސީ، ޔޫތު ޔުނައިޑެޓް ސީ އެސް، ސީ އެސް ޝައިނިންގް ސްޓަރގެ އިތުރުން ސީ އެސް ސްކައިލާކެވެ. ގުރޫޕް ބީގައި ހިމެނެނީ ކުލަބް އެން ސްޕޯޓްސް، ޒެނިތު ސްޕޯޓްސް ކުލަބް، އިންވިކްޓޯ ސްޕޯޓްސް ކުލަބް އަދި ޔުނައިޓެޑް ޔުނިޓީ އެސް ސީއެވެ. އެން ސްޕޯޓްސް އެކަޑަމީ، އާޖީލަކަށް، ފިއޮންތި ސްޕޯޓްސް ކުލަބް އަދި ބްލެކް ޕެންތާސް ސްޕޯޓްސް ކުލަބް ވާދަކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސީ ގައެވެ.