ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް އެތުލެޓިކްސް އިވެންޓްގެ އިންޑިޖުއަލް 60 މީޓަރު ދުވުމުގައި ވާދަކޮށް އަހްނާ ނިޒާރު އޭނާގެ ޕާސަނަލް ބެސްޓް ޓައިމިން ހަދައިފިއެވެ.
އަހްނާ ޕާސަނަލް ބެސްޓް ހަދާފައިވަނީ ހީޓް ތިނެއްގައި ވާދަކޮށް 7.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން އޭނާ ހަދާފައިވާ ޕާސަނަލް ބެސްޓް ޓައިމިންއަކީ 7.83 ސިކުންތެވެ. އެ ޓައިމިން އޭނާ ހަދާފައިވަނީ މިއަހަރު ފެބްރުއަރީ މަހު ޗައިނާގެ ޓިއާންޖިންގައި ކުރިއަށްދިޔަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 60 މީޓަރު އިވެންޓްގައި ވާދަކޮށްގެންނެވެ.
އަހްނާގެ އިތުރުން ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް އެތުލެޓިކްސް އިވެންޓްގައި ރާއްޖޭގެ ހަސަން ސާއިދާއި އައިޝަތު ޝަބާ ސަލީމްވެސް ވަނީ ވާދަކޮށްފައެވެ.
އެގޮތުން މިއަދު ފުރަތަމަ އޮތް 60 މީޓަރު ފިރިހެނުންގެ ދުވުމުގެ އިވެންޓްގައި ސާއިދުވަނީ އިވެންޓްގެ އެއްވަނަ ހީޓުން ހަތަރު ވަނަ ހޯދައިފައެވެ. އޭނާ ހަތަރު ވަނަ ހޯދާފައިވަނީ 7.12 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް އެތުލެޓިކްސް އިވެންޓްގައި ވާދަކުރަމުންދާ ރާއްޖޭގެ ޝަބާ އަންހެނުންގެ 60 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ވާދަކޮށްފަވާއިރު، އޭނާ ހީޓް ނިންމާލާފައިވަނީ 8.19 ސިކުންތުން ރޭސް ފުރިހަމަކޮށް ހަތްވަނަ ހޯދައިގެންނެވެ.