ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައި ކީރިތި ޤުރުއާނަށް ވަރަށް ބޮޑު ލޯތްބަކާއި އިޚްތިރާމެއް އޮންނަން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ، ވެމްކޯއިން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ވެމްކޯގެ މުވައްޒަފުންނަކީ ޤައުމީ މުހިންމު ޚިދުމަތެއް އަދާކުރައްވާ ބަޔަކަށްވާއިރު އެ މުވައްޒަފުންނަކީ، އިސްލާމީ ރިވެތި އުސޫލުތަކާއި އަދަބުތަކާއި، ދީނީ ކަންކަމަށް ލޯބިކުރާ، ރޫޙާނީ ގޮތުން ވަރުގަދަ ބައެއްކަމުގައި ހެއްދެވުމަށް ވެމްކޯގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާކަމަށެވެ.
"ދިވެހިރާއްޖެއިން އިން ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށްވާންވާނީ ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރާއި އިޚްތިރާމްކަމް.ވެމްކޯގެ މުވައްޒަފުންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި އަދަބުތަކަށް ދީނީ ކަންކަމަށް ލޯބިކުރާ ރޫޙާނީ ގޮތުން ވަރުގަދަބައެއްކަމުގައި ހެއްދެވުމަށް ވެމްކޯގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތް ފާހަގަކުރަން" ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ކީރިތި ޤުރުއާނަކީ މުޅި އުންމަތް އަލިކޮށްދެއްވި ދަންމަރަކަށްވާއިރު މި ދަންމަރުން ވެމްކޯގެ މުވައްޒަފުންގެ ހިތްތައް އަލިކުރެއްވުމަށްޓަކައި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކެއް މެނޭޖްމަންޓުން ފެއްޓެވިކަމަކީ އުފާވާންޖެހޭ ސަބަބެއްކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، އެ ކުންފުނިން މަސައްކަތްކުރައްވަނީ މުވައްޒަފުންނަށް ޚާއްސަކޮށްގެން އިމާރާތްކުރާ ޤުރުއާން ކްލާހުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި، މުވައްޒަފުންނަށް އެތަނުގެ ބޭނުންކުރެވޭވަރު ކުރުމަށްކަމަށެވެ.
"އަޅުގަނޑު ހިތައް އަރާ، މުވައްޒަފުންނަށް ކީއްބާއޭ ކޮށްދެވޭނީ. މިވަގުުތަށް ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން އެބަ ކުރަން. އަދި ކުރިއަށްއޮތާނގައި މިއަހަރު ނިމުމުގެ ކުރިން ޤުރުއާން ކްލާސް ހިންގާނެ އިމާރާތެއް އަޅާ، ޤުރުއާން ކްލާހެއް މުވައްޒަފުންނަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން". މުޖްތަބާ ޖަލީލް ވިދާޅުވިއެވެ.
ވެމްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތަކީ، ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ކުރިއަރުވައި އިސްލާމީ ޝިޔާރުތައް އާލާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަނަވަސްކޮށްދެއްވަމުން ގެންދަވާ ފުރުސަތުތަކުގެ ބޭނުން އޭގެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި ކުރިއަށްގެންދިޔަ މުބާރާތްތަކެވެ.
މިއަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި 57 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން 10 ބައިވެރިންނަކީ އަތޮޅުތަކުން ބައިވެރިވެ އޮންލައިންކޮށް މުބާރާތުގައި ކިޔެވިކުދިންކަމަށް ވެމްކޯއިން ވިދާޅުވިއެވެ.
އަދި މަދަހަ މުބާރާތުގައި 46 ބައިވެރިން މަދަހަ ހުށަހަޅާފައިވާކަމަށާއި، 5 ޑިޕާޓްމަންޓަކުން ގްރޫޕްމަދަހަ ހުށަހަޅާފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ.