ޚަބަރު

އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމު ޗައިނާއަށް


  • މުބާރާތް އޮންނާނީ 23-26 އޭޕްރީލް އަށް ޗައިނާގެ ސަންޔާގަ

  • މި އެތުލީޓުން ވާދަކުރާނީ 60 މީޓަރު ރޭހާއި 4 ގުނަ 60 މީޓަރު ރިލޭގައި

ރާއްޖޭއިން 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ބައިވެރިވާ އެތުލެޓިކްސް ޓީމު ގޮސްފިއެވެ.

އޭޝިއަން ބީޗް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލެޓިކްސް ޓީމުގައި ހިމެނެނީ، ހަސަން ސާއިދު، ހައްވާ މުޒްނާ ފާއިޒު، އަހުނާ ނިޒާރު، އައިޝަތު ޝަބާ ސަލީމު އަދި ޝުއާ އަހުމަދު ރިޝްފާނެވެ. މި އެތުލީޓުން ވާދަކުރާނީ 60 މީޓަރު ރޭހާއި 4 ގުނަ 60 މީޓަރު ރިލޭގައެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ 23-26 އޭޕްރީލް އަށް ޗައިނާގެ ސަންޔާގައެވެ.

މި ގޭމްސްގައި މިއަހަރު ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް، ސްވިމިން، ބީޗް ހޭންޑްބޯޅަ، އަދި ވޮލީބޯޅައިގައި ކަމަށެވެ. ރާއްޖޭގެ ޓީމުތަކުގެ ތެރެއިން އެތުލެޓިކްސް ޓީމާއި، ބީޗް ހޭންޑްބޯޅަ ޓީމާއި ބީޗް ވޮލީ ޓީމުވެސް މިހާރު ވަނީ ޗައިނާގައެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުންވެސް މިހާރު ވަނީ ޗައިނާއަށް ގޮސްފައެވެ.

އެންމެ ފަހުން ރާއްޖެއިން ބައިވެރިވީ 2016 ވަނަ އަހަރު ވިއެޓްނާމުގައި ބޭއްވި 5 ވަނަ އޭޝިއަން ބީޗް ގޭމްސްގައެވެ. މިއީ އޭޝިއަން ގޭމްސްއަށްފަހު ގިނަ ކުޅިވަރުތައް ބައިވެރިކޮށްގެން ބާއްވާ މިފަދަ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.