ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕާއި އެއާއި ގުޅުންހުރި ތަކެތި ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ، އެކި އޮޕަރޭޝަންތަކުގައި އެއިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ވޭޕާއި އެއާ ގުޅުންހުރި ތަކެތި މިއަދު ނައްތާލައިފާއިވާ ކަމަށެވެ. މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ތަހުޤީގީ މަރުކަޒު ހުންނަ ދޫނިދޫގައި ކަމަށެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މިއަދު ނައްތާލާފައިވަނީ، މި މަހުގެ 16 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި، ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.
މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 138 ނެނޯ ކާޓްރިޖާއި، ޑިސްޕޯސަބަލް ވޭޕުގެ އިތުރުން ވޭޕް ކުރުމަށް ބޭނުންކުރާ އެހެނިހެން އާލާތްތައް ހިމެނެއެވެ. މިތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
ރާއްޖޭގައި ވޭޕު ބޭނުން ކުރުމާއި، ވިއްކުމާއި، ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ، 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި، އެއާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރުފިޔާގެ މަގުން ޖޫރިމަނާ ކުރެއެވެ.
ވޭޕް މަނާކުރި ފަހުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަސްޓްމަސްއިން އަތުލައިގެންފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެމަހުގެ 4ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 10800 (ދިހަހާސް އަށްސަތޭކަ) ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.