ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް އުފުލި، ތެޔޮ ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ބަންގްލަދޭޝްއިން ތެޔޮ ވިއްކާ އަގުތައް އަނެއްކާވެސް ބޮޑުކޮށްފިއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ ބަންގްލަދޭޝްގެ ހަކަތައާ ބެހޭ ވުޒާރާއިން އެޕްރީލު 18 ވަނަ ދުވަހު ނެރުނު ބަޔާނެއްގައެވެ.
އެ ވުޒާރާއިން ބުނީ، ތެލުގެ އަގު %10 އާއި %15 އާ ދެމެދުގެ މިންވަރަކަށް އުފުލުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ. މި ބަދަލާއެކު، ކުރިން 0.94 ޑޮލަރަށް ވިއްކި ޕެޓްރޯލް ލިީޓަރެއްގެ އަގު މިހާރު ވަނީ 1.10 ޑޮލަރަށް އުފުލިފައެވެ. އަދި ޑީސަލް ލީޓަރެއް 0.93 ޑޮލަރަށް އަދި ކަރާސީނު ލީޓަރެއްގެ އަގު ވަނީ 1.05 ޑޮލަރަށް ބޮޑުވެފައެވެ.
ދާކާ ސަރުކާރުގެ އޮފިޝަލުން ބުނީ، ހަތް ހަފުތާއަށް ދެމިގެން ގޮސްފައިވާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ އިތުރުން، މުދާ އުފުލުމުގެ ޚަރަދާއި އިންޝުއަރެންސް ފީ ބޮޑުވުމަކީ އަގުތަކަށް ބަދަލު ނުގެނެސް ފަރުޖެއްސެން ނެތް ސަބަބުތަކެއް ކަމުގައެވެ. ތެޔޮ އެތެރެކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހުމުން، އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވަށް ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ކަން ވެސް އޮފިޝަލުން ހާމަކުރިއެވެ. މި ދަތިތަކުން އަރައިގަތުމަށް ޓަކައި ތެޔޮ އެތެރެކުރުމުގެ ޚަރަދު ހަމަޖެއްސުމަށް ބަންގްލަދޭޝްއިން މިހާރު ވަނީ ބޭރުގެ މާލީ އިދާރާތަކުން 2 ބިލިޔަން ޑޮލަރުގެ މާލީ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާފައެވެ.
މީގެ ކުރިން ދާކާގެ ސަރުކާރުން ވަނީ ސަބްސިޑީ ދީގެންނާއި، އަގު ބޮޑުކުރުން ލަސްކޮށްގެން އަދި ތެޔޮ ރައްކާކޮށްފައި ހުރި މިންވަރު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ކޮންޓުރޯލު ނުވުމުގެ ސަބަބުން އެ ފިޔަވަޅުތައް އިތުރަށް ދެމެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއްގެ ގޮތުގައި ދާކާގެ އޮފިޝަލުން މިހާރު ޤަބޫލެއް ނުކުރެއެވެ.
ތެޔޮ ލިބުމަށް ދަތިވުމުގެ ސަބަބުން ތެޔޮ އަޅައިދޭ ޝެޑުތަކުގައި ބޮޑެތި ކިޔޫތައް ވަނީ ހަދާފައެވެ. މި ޙާލަތު އިތުރަށް ގޯސްވީ ޢާންމުން ކަންބޮޑުވެގެން ގިނަ އަދަދަކަށް ތެޔޮ ގަނެ ރައްކާކުރަން ފެށުމުން ކަމުގައި ރަސްމީ އިދާރާތަކުން ތުހުމަތުކުރެއެވެ. މި ފަހަރު ގެނައި ބަދަލާއެކު، ދަތުރުފަތުރާއި ދަނޑުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތަކެއްކޮށް، ކާބޯތަކެތީގެ އަގު އުފުލި، މުދަލާއި ޚިދުމަތުގެ އަގު އިތުރަށް އުފުލިގެންދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.