ޚަބަރު

މެދުއިރުމަތީގެ ހަނގުރާމަ: ތެލުގެ ބާޒާރަށް 50 ބިލިޔަން ޑޮލަރުގެ ގެއްލުން


ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން މީގެ 50 ވަރަކަށް ދުވަސް ކުރިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ އެކު، ދުނިޔޭގެ ބާޒާރަށް ސާފުނުކުރާ ތެޔޮ ނެރުމުގައި ކުރިމަތިވި ހުރަސްތަކުގެ ސަބަބުން 50 ބިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ގެއްލިފައިވާ ކަމުގައި މާހިރުން ހާމަކޮށްފިއެވެ. ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާގެ މަޢުލޫމާތު ދިރާސާކުރާ ކެޕްލަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއިން އިސްވެ ހަނގުރާމަ ފެށި ފަހުން 500 މިލިޔަނަށްވުރެ ގިނަ ފީފާ ތެޔޮ ވަނީ ބާޒާރަށް ނުނެރެވި ހިފެހެއްޓިފައެވެ. މިއީ، ފަހުގެ ތާރީޚެއްގައި ތެލުގެ ސަޕްލައިއަށް އެންމެ ބޮޑަށް ބުރޫއަރައިގެން ދިޔަ ފަހަރެވެ.

މަސްރަޙު ދިރާސާކުރާ ވުޑް މެކެންޒީ ކުންފުނީގެ ދާރިސެއް ބުނީ، ގެއްލިގެންދިޔަ 500 މިލިޔަން ފީފާ ތެލަކީ މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް 10 ހަފުތާއަށް ބޭނުންވާ ތެލާ އެއްވަރުގެ އަދަދެއް ކަމުގައެވެ. މީގެ އިތުރުން، މިއީ އެމެރިކާގެ އަސްކަރިއްޔާގެ ހަ އަހަރުގެ ބޭނުމަށް ނުވަތަ ބައިނަލްއަޤުވާމީ ކަނޑު ދަތުރުފަތުރުގެ ސިނާއަތު ހަތަރު މަސްދުވަހަށް ހިންގުމަށް ބޭނުންވާ ތެލެވެ. ރޮއިޓަރސްއިން އަންދާޒާ ކޮށްފައިވާ ގޮތުގައި، މާރިޗު މަހު ގަލްފުގެ ޢަރަބި ޤައުމުތަކުގެ އުފެއްދުންތެރިކަން ދުވާލަކު 8 މިލިޔަން ފީފާއަށް ދަށަށް ދިޔައެވެ. މިއީ ތެޔޮ އުފައްދާ އެންމެ ބޮޑު ދެ ކުންފުނި، އެކްސޮން މޮބިލް އަދި ޝެވްރޮންގެ ޖުމުލަ އުފެއްދުންތެރިކަމާ އެއްވަރުގެ އަދަދެކެވެ.

ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، އެކުވެރި ޢަރަބި އިމާރާތް، ކުވަޔިތު، ބަޙްރައިން އަދި ޢުމާން ހިމެނޭހެން ޖެޓް ފިޔުލް ނުވަތަ މަތިންދާބޯޓަށް އަޅާ ތެޔޮ ބޭރުކުރުން ވަނީ 19.6 މިލިޔަނުން 4.1 މިލިޔަން ފީފާއަށް ވެއްޓިފައެވެ. މި ގެއްލުމަކީ ޖަރުމަނުވިލާތުގެ އަހަރީ އުފެއްދުންތެރިކަމުގެ %1 އާ އެއްވަރުގެ އަދަދެކެވެ. ހަނގުރާމައާ ގުޅިގެން ރައްދުގައި އީރާނުން ބަންދުކުރި ހުރްމުޒް ކަނޑުއޮޅި ހުޅުވައިލާފައިވާ ކަމުގައި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވި ނަމަވެސް، ކުވަޔިތު އަދި ޢިރާޤުގެ ތެޔޮ ނަގާ ވަޅުތައް ޢާންމު ޙާލަތަށް ގެނައުމަށް ފަސް މަސް ދުވަސް ހޭދަވާނެ ކަމުގައި މާހިރުން ލަފާކުރެއެވެ.

ޤަޠަރުގެ ގޭސް އުފައްދާ ރާސު ލިއްފާން ކޮމްޕްލެކްސްއަށް ލިބުނު ގެއްލުންތަކާއެކު، ސަރަޙައްދީ ހަކަތައިގެ ނިޒާމު ފުރިހަމައަށް އިޢާދަކުރުމަށް އަހަރުތަކެއް ހޭދަވާނެ ކަމުގައި ވެސް މާހިރުން އަންދާޒާ ކުރެއެވެ. އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ "ލަސްތަކެއް ނުވެ" ނިމޭނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވީ ނަމަވެސް، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް އަހަރުތަކަކަށް ދެމިގެންދާނެ ކަމުގައި ވެސް މާހިރުން ޤަބޫލު ކުރެއެވެ.