ޚަބަރު

ފަހުވަގުތު ބްރައިޓަން އިން ޓޮޓްނަމް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުގެ ފަހު ވަގުތު ބްރައިޓަން އިން ޖެހި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.

ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވުމާއިއެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޕްރިމިއާ ލީގުން ފުރުސަތު ހޯދުމަށް ޓޮޓްނަމް ކުރަމުންދާ މަސައްކަތަށް ވަނީ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފަ އެވެ.

ޓޮޓްނަމް އިން މޮޅަށް ކުޅެފައިވާ މި މެޗުގެ 39 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޕެޑްރޯ ޕޯރޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި ބްރައިޓަންގެ ކައޮރޫ މިޓޯމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޓޮޓްނަމް އިން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާ މި މެޗުގައި އެ ޓީމުން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ޝަވީ ސައިމަންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ބްރައިޓަން އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ފަސްވަނަ މިނިޓުގައި ޖިއޮޖީނިއޯ ރަޓާރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ޓޮޓްނަމް އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ. 16 ވަނަ އާއި 17 ވަނައިގައި އޮތް ނޮޓިންހަމް އާއި ވެސްޓްހޭމް އެއް މެޗު މަދުން ކުޅެފައިވާއިރު އެ މެޗުތަކުން އެ ދެ ޓީމު މޮޅުވެއްޖެނަމަ ޓޮޓްނަމް އަށް ރެލިގޭޝަނުން ސަލާމަތް ވުމަށް އިތުރު ދަތިތަކާއި ކުރިމަތިވާނެ އެވެ.