ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ކުރިއަށް އޮތް ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުވެފަ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން ޖުމްލަ 58 ޕޮއިންޓައެކު ތާވަލުގެ ތިންވަނަ މަގާމް ޔުނައިޓެޑަށް ލިބިފައިވާއިރު ފޯމު ގެއްލިފައިވާ ޗެލްސީ އަށް ލިބިފައިވާ 48 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގަ އެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯލަ ހިފަހައްޓައިގެން ޗެލްސީ ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ ޔުނައިޓެޑްގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ. ޗެލްސީގެ ނުރައްކާތެރި ހަމަލަތަކެއް ޔުނައިޓެޑްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައިވާއިރު މި މެޗުގައި ޔުނައިޓެޑްގެ ގޯލުކީޕަރު ލަމެންސް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.
މެޗު ފަށައިގެން 16 ވަނަ މިނިޓުގައި ޗެލްސީގެ ކޯޗު ލިއާމް ރޮޒޭނިއާ ވަނީ ޗެލްސީގެ ފޯވަޑް ބްރެޒިލްގެ އެސްޓެވާއޯގެ ބަދަލުގައި އަލެހަންދްރޯ ގަރްނާޗޯ ވަނީ ކުޅެން އަރުވާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ބްރޫނޯ ފެނާންޑޭޒް ދިން ޕާހަކުން މެތިއުސް ކޫނިޔާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެލްސީ މި މެޗުން ބަލިވިއިރު އެ ޓީމު ވަނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ލަނޑެއް ނުޖެހި ބަލިވެފަ އެވެ. މިއީ 1912 ވަނަ އަހަރަށްފަހު މިފަދަ ގޮތަކަށް ޗެލްސީ ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
މި މެޗު ފެށުމުގެ ކުރިންވެސް ޗެލްސީގެ 500 ވަރަކަށް ސަޕޯޓަރުން ވަނީ ޗެލްސީގެ ވެރިންނާއި ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.