ޚަބަރު

ޅ. އަތޮޅު ދިއްދޫން ކިނބުލެއް ހިފައިފި


  • ކިނބޫ ހިފީ އެރަށަށް ދިޔަ ބަޔަކު

  • މިހާރު ކިނބޫ އޮތީ މާފިލާފުށީގައި

ޅ. އަތޮޅު ފަޅުރަށެއްކަމަށްވާ ދިއްދޫން ކިނބުލެއް މިއަދު ހިފާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެކިނބޫ ފެނިފައިވަނީ ޑިންގީއެއްގައި ދިއްދޫއަށް ދިޔަ ބަޔަކަށްކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ކިނބުލުގެ ދިގުމިނުގައި 5 ފޫޓު ހުރި ކަމަށާއި ކިނބޫ ފެނުމާއެކު އެ ރަށަށް ދިޔަ މީހުން އޭތި ހިފުމަށްފަހު ޅ. ނައިފަރަށް ގެންގޮސްފައިވާކަމަށެވެ. މިމަޢުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ނައިފަރަށް ގޮސް، އެ ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކިނބޫ އޮތީ ސިފައިންގެ ނޮދަން އޭރިޔާގެ ހެޑްކުއާޓާސް ހުންނަ ރަށް ޅ.މާފިލާފުށީގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނުމުގެ ހާދިސާތައް އެކިދުވަސްވަރު ތަކުގައި ހިނގައެވެ. އެގޮތުން 2023 ވަނަ އަހަރު ކ. ބޮލިދުއްފަރުން 14 ފޫޓަށްވުރެ ބޮޑު ކިނބުލެއް ފެނިފައިވާއިރު، 2024 ވަނަ އަހަރު ދ. އަތޮޅު ކަނޑިންމަ ރިސޯޓު ކައިރިންނާއި ށ. ފަރުކޮޅުފުށިން 10 ފޫޓުގެ ކިނބުލެއް ވަނީ ފެނިފައެވެ.

މީގެ އިތުރުން މިދިޔަ ޑިސެންބަރުމަހު ކ. ގުރައިދޫ ބޭރުން 6 ފޫޓުގެ ކިނބުލެއް ފެނިފައިވާކަންވެސް ފާހަގަކުރެވެއެވެ. މިފަދައިން ފެންނަ ކިނބޫތައް އަމިއްލައަށް ހިފަން މަސައްކަތް ނުކޮށް، ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.