ރުކުމަޑީގެ އުނދަގުލުން ރުއްތައް ސަލާމަތް ކުރުމަށް ޗައިނާގެ އެހީގައި ހަނިމާދޫގައި ސެންޓަރެއް ހަދައި ސުއިޕެއް އާލާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"ޕެރަސިޓޮއިޑް" ކިޔާ މި ސުއިއްޕަކީ، ގަސްގަހާ ގެހީގައި އާލާވާ ފަނިފަކްސާއާއި ސޫފާސޫފި ނައްތާލުމަށް އެހިތެރިވެދޭ ދިރޭ ފަނިފަކްސާގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.
ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ރުކުގައި އާލާވާ ރުކުމަޑިން ރުއްތައް ސަލާމަތް ކުރުމަށް ހަނިމާދޫގައި ސެންޓަރެއް ޤާއިމުކޮށް މި ސޫފިތައް އާލާކުރުމަށް ހަވާލުކޮށްފައިވަނީ، ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް)އާއެވެ. މިމަސައްކަތުގެ ދަށުން 2024 ވަނަ އަހަރު ކަޓާސްގެ ޓީމެއް ހަނިމާދޫއަށް ވަނީ އެރަށަށް ގޮސް ދިރާސާތަކެއް ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރުއްތަކަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހދ. ހަނިމާދޫގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި ސެންޓަރަކީ ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސިޓޮއިޑް އާލާކުރާ ސެންޓަރެއް ކަމަށެވެ.
އެވުޒާރާއިން ވިދާޅުވީ، މިމަސައްކަތަށް ބޭނުންވާ ޕެރަސިޓޮއިޑް ޗައިނާއިން ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި ޕެރަސިޓޮއިޑް އާލާކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ޤުދުރަތީ ވަސީލަތެއް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެއިތުރުން ކެމިކަލް ބޭނުންކުރުން މަދުވެ، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ތަފާތު ޕެސްޓްތަކުން ރުއްތަކަށް ލިބެމުންދާ ގެއްލުންތަކަށް ދެމެހެއްޓެނިވި ޙައްލެއް ލިބިގެންދާނެ ކަމަށާއި، މި މަޝްރޫއަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އިޤްތިސާދީ ގޮތުން މުހިންމު ދައުރެއް އަދާކުރާ ރުއްތައް ހިމާޔަތް ކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.