ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު %30 އިތުރުވެއްޖެ


  • އަހަރުގެ މިހާތަނަށް 45.3 މިލިޔަން ރުފިޔާ ލިބިފައިވޭ

  • މިދިޔަ އަހަރު ލިބިފައިވަނީ 34.8 މިލިޔަން ރުފިޔާ

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ މާރިޗުމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި ދަޢުލަތަށް 27،420،050 ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗުމަހު މުދަލު ޒަކާތުގެ ގޮތުގައި ދަޢުލަތަށް ލިބުނު 23،591،401 ރުފިޔާއާއި އަޅާ ބަލާއިރު 16.2 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ ފައިސާގެތެރޭގައި ހިމެނެނީ 27،374،211 ރުފިޔާ އަދި 2،982 ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45,329,119 ރުފިޔާ ވަނީ ދަޢުލަތަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ 34،852،418 ރުފިޔާ އާއި އަޅާ ބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެވެ.

މުދަލު ޒަކާތުގެ ނިޞާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ، ޑިސެންބަރު 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައެވެ.

ބާޒާރުގައި ރަނާއި، ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި، ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ، ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައި ލެވޭނެއެވެ.