ޚަބަރު

ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ޝައްފަ


  • ސައްފަ އިންތިހާބު ކުރީ ކުރިން އެމަގާމްގައި ހުރި ސޮއްފާނުގެ ބަދަލުގައި

  • ސައްފަ އަކީ ކުރީގެ ޤައުމީ ވޮލީ ޓީމުގެ ކެޕްޓަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމަށް، ކުރީގެ ޤައުމީ ކެޕްޓަން އައިޝަތު ޝައްފަ އިންތިހާބުކޮށްފިއެވެ.

އެ މަގާމަށް ޝައްފަ އިންތިހާބު ކުރީ ކުރިން އެ މަގާމުގައި ހުރި ސޮއްފާން އަހުމަދު އެ މަގާމުން ވަކިކުރުމަށްފަހުއެވެ. ސޮއްފާންގެ ބަދަލުގައި ޝައްފަ ހިންގާ ކޮމިޓީއަށް އިންތިހާބުކުރުމަށް ފާސްކުރީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައެވެ.

ވީއޭއެމްގެ 13 މެންބަރު ކުލަބުގެ ތެރެއިން ރޭގެ ޖަލްސާއަށް ހާޒިރުވީ 9 ކުލަބަކުންނެވެ. އެ ނުވަ ކުލަބުންވެސް ވަނީ ޝައްފަ ހިންގާ ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުކުރުމަށް ވޯޓުދީފައެވެ.

16 އަހަރު ދުވަހު ޤައުމީ ޓީމަށް ކުޅެފައިވާ ޝައްފައަކީ ރާއްޖޭގެ އިންޑޯ ވޯލީ އާއި ބީޗް ވޮލީގައި ކުރީގެ ކާމިޔާބު ކުޅުންތެރިއެކެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްދީ ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ޝައްފައަކީ މިހާރު ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ގެ ފިޓްނަސް އިންސްޓްރަކްޓަރެކެވެ.

ޝައްފަ ވަނީ 2010 އަދި 2012 ވަނަ އަހަރު އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އޭނާ އަކީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެވެ. އަދި ހަމަ އެއަހަރު ބަނގްލަދޭޝްގައި ބޭއްވި ސެންޓްރަލް އޭޝިއަން އަންހެން ވޮލީ މުބާރާތުގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދިނުމުގައިވެސް ޝައްފަގެ ދައުރު ފާހަގަކޮށްލެވެއެވެ.