ޚަބަރު

ހަނގުރާމައިގެ ހާލަތާއެކު އިޤްތިޞާދީ ހިރާސް ކުޑަކުރަން މުހިންމު ފިޔަވަޅުތަކެއް!


  • ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ބޭރު ދަތުރުތައް ސަރުކާރުން ވަނީ ހުއްޓާލާފައި

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚަރަދު ކުޑަކުރަން ވަނީ އަންގާފައި

މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅު ޔަހޫދީންނާއި އެމެރިކާއިން އިރާނަށް ޢުދުވާނީ ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅައިފައެވެ. މިކަމުގެ ސަބަބުން ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލި، ދިރިއުޅުމުގެ ޚަދަތުތައް ބޮޑުވުމާއެކު ގިނަ ޤައުމުތަކުން ވަނީ ޚަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަަޅުތަކެއް އަޅާފައެވެ.

މި ހާލަތާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރު ކުޑަކުރުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސަރުކާރުން އަޅާފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމެވެ.

މިގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދައުލަތުގެ އިދާރާތަކުން ތަމްރީނު ބޭނުމަށާއި އެނޫން ބޭނުންތަކަށް ކުރާ ދަތުރުތައް މަޑުޖެއްސުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޚާރިޖީ ވުޒާރާގެ ދަތުރުތައްވެސް ހިމެނެއެވެ. ޚާރިޖީ ވަޒީރު ޑރ. ޚަލީލްވެސް ވަނީ ވަޒީރުގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ ބައެއް ދަތުރުތައް ފަސްކޮށްފައި ނުވަތަ ނުދާ ގޮތަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އޭގެ ބަދަލުގައި ސަރުކާރުން އިސްކަމެއް ދެނީ އޮންލައިކޮށް ބައިވެރިވެވޭ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވުމަށެވެ.

މީގެ އިތުރުން، ދައުލަތުގެ ހިންގުމުގެ ޚަރަދުތައް މަދުކުރުމަށް ކުރެވޭނެ ކަންކަން ދެނެގަނެ ޚާއްސަ ޕްލޭނެއްގެ ދަށުން އެކަން ކުރާނެ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ޚަރަދު ކުޑަކުރަން އަޅަން ފަށާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ވަނީ ހިންގުމުގައި ބައެއް ބަދަލުތައް ގެނައުމަށް ނިންމައި އެކަން ހާމަކޮށްފައެވެ. މި ބަދަލުތަކަކީ ޚަރަދު ކުޑަކުރުމަށް ކުންފުނިތަކުން އެޅުމަށް ސަރުކާރުން ހިއްސަވާ ކުންފުނިތަކުގެ ބެލެނިވެރިފަރާތް ޕީސީބީން އަންގާފައިވާ ފިޔަވަޅުތަކެކެވެ.

މީގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތު ގަޑީގެ ބޭރުން އިތުރު ވަގުތުގައި މަސައްކަތް ނުކުރާ ގޮތަށް އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން އަލަށް ވަޒީފާއަށް އިތުރު މުވައްޒަފުން ނުނެގުމަށާއި މުސާރައިގެ ކުރިއެރުން މިވަގުތަށް ނުދިނުމަށް ވަނީ އަންގާފައެވެ. އަދި މުވައްޒަފުން ކޮންމެހެން ދަތުރުކުރަން ޖެހޭ ހާލަތުގައި ފިޔަވައި އެހެން ހާލަތެއްގައި ދަތުރުތައް މެދުކަނޑާލުމާއި އަދި ކުންފުނި ހިންގުމުގައި އިދާރީގޮތުން ޚަރަދު ކުޑަކުރުމަށް ގެނެވޭނެ ބަދަލުތައް ގެނައުމަށް ޕީސީބީން ކުންފުނިތަކަށް ވަނީ ލަފާދީފައެވެ.

ސަރުކާރުން ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު ސިއްޙީ ދައިރާ އަދި ގެދޮރުވެރިކަމުގެ ދައިރާގެ އެއްވެސް މަޝްރޫޢުއަކަށް ބުރުއެރިޔަ ނުދީ ކުރިއަށް ގެންދަވާނެ ކަމަށް މީގެ ކުރިން ހާމަކޮށްފައިވެއެވެ. ރާއްޖޭގެ އިޤްތިޞާދަށް އަސަރުކުރާނެ ބޮޑު ހާލަތެއް މެދުވެރިވާނަމަ މަޝްރޫޢުތައް އިސްކަންދޭ ތަރުތީބަކުން ފަސްކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިފިޔަވަޅުތަކާއެކުވެސް، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ އަގު އުފުލިޔަ ނުދިނުމަށް ސަރުކާރުން ދަނީ ކާބޯތަކެތީގެ 160 އަށް ވުރެ ގިނަ ބާވަތް މޮނީޓަރ ކުރަމުންނެވެ. އަދި މިދިޔަ އަހަރު އަސާސީ މުދަލުގެ ގޮތުގައި ކަނޑައެޅި 26 ބާވަތުގެ މުދާ ބާޒާރުގައި ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ މަސައްކަތް ކުރަމުންނެވެ.

ހަނގުރާމައިގެ ސަބަބުން ބައެއް ޤައުމުތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ސަރުކާރުން ވަނީ އެފަދަ ހާލަތެއް މެދުވެރިނުވާ ހިނދަކު ހަރުކަށި ފިޔަވަޅުތަކެއް ދުރާލާ ނާޅާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބަދަލުވަމުންދާ ހާލަތައް ތައްޔާރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.