ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ބޭއްވި ޤައުމީ ނެޓްބޯޅަ ލީގުގެ ޗެންޕިއަންކަން ކްލަބް މެޓްރިކްސް ހޯދައިފިއެވެ.
ލީގުގެ ފަހު ގޭމް ވީކްގެ މެޗުތައް ކުޅުނީ ހޮނިހިރު ދުވަހުއެވެ. ފަހު ގޭމް ވީކްގެ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) ވާދަކުރިމެޗު 66-53 ޕޮއިންޓުން މެޗު ކާމިޔާބުކުރީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޖީއޭ ލަޔާން އަލީ ރަޝީދުއެވެ
ހޮނިހިރު ދުވަހުގެ ދެވަނަ މެޗުގައި އެން ސްޕޯޓްސް އެކަޑަމީ އާއި އެމްވީ ނެޓާސް ބައްދަލުކުރި މެޗު 58-36 އިން ކާމިޔާބުކުރީ އެމްވީ ނެޓާސްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ ޖީއޭ ފާތިމަތު ޒާހީ ޒިޔާދުﷲއެވެ.
ލީގުގެ ފަހު މެޗަށް ނުކުތްއިރުވެސް ލީގުގެ ޗެންޕިއަންކަން ކްލަބް މެޓްރިކްސްއިން ވަނީ ކަށަވަރުކޮށްފައެވެ. ފަހުމެޗުގައި އެސްސީ ޝައިނިން ސްޓާސްގެ މައްޗަށް މެޓްރިކްސް ކުރިހޯދީ 99-14 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޓްރިކްސްގެ ޖީޑީ އާމިނަތު ފިރުޝާއެވެ.
ކްލަބް މެޓްރިކްސް އިން ޤައުމީ ނެޓްބޯޅަ ލީގުގެ ޗެންޕިއަންކަން ކަށަވަރުކުރީ ކުޅުނު ފަސް މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށް 15 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމާ އެންމެ ގާތުން ވާދަކުރި ކްލަބް ގްރީން ސްޓްރީޓްސްއަށް ފަސް މެޗުގެ ތެރެއިން އެއް މެޗު ގެއްލިފަވާއިރު ލިބިފައިވަނީ 12 ޕޮއިންޓެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން ދެން އެންމެ އަވަހަށް ފަށާނީ 2 ވަނަ ޑިވިޝަނުގެ މުބާރާތެވެ. އެމުބާރާތް ތާވަލުކޮށްފަވަނީ މިމަހުގެ 17 ވަނަ ދުވަހަށެވެ.