ޚަބަރު

ވެލިމަގު ކޮންސެޕްޓަށް ދިގުރަށު މަގުހަދަން އާރުޑީސީ ތައްޔާރު، ފެންހިންދާ ނިޒާމު ގާއިމުކުރާނެ


  • ވެލިމަގުތައްވެސް ހަދާނީ ފެންހިދާ ނިޒާމާއެކު

  • ވެލި މަގު ކޮންސެޕްޓަށް މަގުތައް ހަދަން ރަށްރަށުން ދަނީ އެދެމުން

ރަށް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުތައް ތަރައްޤީކުރުމުގެ ކޮންސެޕްޓާއެއްގޮތަށް އެންމެ ފުރަތަމަ ތަރައްޤީ ކުރާނީ އދ. ދިގުރަށު މަގުތައްކަމަށާއި، މަގުތައް ތަރައްޤީކުރާނީ ފެންބޮޑުނުވާނޭފަދަ ނިޒާމަކާއެކު ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ބައެއް ރަށްރަށުން، ޚާއްސަކޮށް ފަތުރުވެރިކަމުގެ ވިޔަފާރީ ފުޅާވަމުންދާ ރަށްރަށުން ވަނީ، ރާއްޖޭގެ ގުދުރަތީކަން ނުގެއްްލޭ ގޮތަށް މަގުތައް ތަރައްޤީކުރަން އެދިފައެވެ. ރައްޔިތުންގެ އެ ހުށަހެޅުންތަކާއެއްގޮތަށް އެކަންކުރައްވާނެކަން ހާމަކުރައްވައި މިހާރު މިވަނީ މަގުތައް ތަރައްޤީކުރާނެ ކޮންސެޕްޓެއް ފާސްކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ ރައީސްގެ އިރުޝާދާއެއްގޮތަށް ވެލިމަގުތައް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީކުރުމުގެ ކޮންސެޕްޓެއް ތައްޔާރުކޮށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފާސް ކޮށްދެއްވާފައިވާކަމަށެވެ.

ނަޒީމް ވިދާޅުވީ ވެލި މަގު ކޮންސެޕްޓަށް މަގުހަދަން ބޭނުންވާ އިތުރު ރަށްތައްވެސް މިހާރު އެބަހުރިކަމަށާއި، އެކޮންސެޕްޓް ޕްރޮމޯޓުކުރަމުންދާކަމަށެވެ. އަދި ރަށްރަށުގައި ރަސްމީ ގިނަ އިދާރާތައް ހުންނަނީ މައި އެއް މަގެއްގައްގައި ކަމުން އެމަގުގައި ތާރުއަޅައި، ދެން ހުންނަ މަގުތައް ވެލި މަގުތަކެއްގެ ގޮތުގައި ތަރައްޤީކުރަން ރަށްރަށުން އެދެމުންދާކަމަށެވެ. އެކަންކަމަށް ރިއާޔާތްކޮށް ވެލިމަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެވޭނެކަމަށެވެ. އަދި މި ދެގޮތަށް ތަރައްޤީކުރާއިރުވެސް ހިނގާ މީހުންނަށް ޚާއްސަކޮށް ޕޭމަންޓްތައް ހަދައި ކާނު ބަރިތަކާއި ބިމު އަޑިން އަޅާންޖެހޭ ހޮޅިތަކަށް ޚާއްސަ ބައިތަކާއެކު، މަގުތައް ވެގެންދާނީ ޒަމާނީ ހިތްގައިމު މަގުތަކަކަށް ކަމަށް އާރުޑީސީން ވިދާޅުވިއެވެ.

ފެން ހިންދާ ގޮތަށް ވެލި މަގުތަކެއް ހެދި ނަމަވެސް އެނިޒާމު ނުހަނު ފުރިހަމައަށް ބަލަހައްޓަން ޖެހޭނެކަމަށާއި އެކަމަށް ކައުންސިލުތަކުން ޚާއްސަ ޒިންމާއެއް އޮންނާކަމަށް ނަޒީމް ވިދާޅުވިއެވެ.

"ދިގުރަށު މަގުތައް ހެދުމުގެ މަސައްކަތަށް އަޅުގަނޑުމެން މިވަނީ ތައްޔާރުވެފައި. ދިގުރަށު މަގުތައް ހަދާނީ ގުދުރަތީ މާހައުލާ ގުޅޭގޮތަށް ގުދުރަތީ ރީތިކަން ގެއްލިގެން ނުދާނެފަދަ ގޮތަކަށް. ވެލި މަގުތަކެއްވީމަ ފެންގަނޑުދާއިރު ވެއްޔާއިއެކީގައި ވަރަށް ބޮޑަށްދާނެ. އެހެންވީމަ ފެން ކަލެކްޓްކުރާ ކާނުތަކާއި ޖަންގްޝަން ފަދަ ތަންތަން ރަނގަޅަށް ސާފުކޮށް ނުބެލެހެއްޓޭނަމަ، އިތުރު މައްސަލަތަކެއް ދިމާވެދާނެ. އެހެންވީމަ ކައުންސިލްތަކުން އެކަންކަމަށް ވަރަށް ސަމާލުކަން ދޭންވާނެ" އާރުޑީސީގެ އެމްޑީ ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ މިގޮތަށް މަގު ހެދުމަކީ ރާއްޖޭގައި އަލަށް ކުރެވޭ ކަމަކަށް ވުމުން އެކަން ވީހާވެސް ރަނގަޅަށް ކުރުމަށް އާރުޑީސީން މަސައްކަތްކުރާނެކަމަށާއި، އެއާއެކު މަގުތަކުގެ ފެންނަން އޮންނަ ވެލިގަނޑު ދޫވެ އިތުރު މައްސަލަތަކެއް ފެންމަތިނުވާނެހެން ޒަމާނީ ވަސީލަތްތައް ބޭނުންކުރެވޭނެކަން ނަޒީމް ފާހަގަކުރެއްވިއެވެ.

"ތަފާތަކީ ވެލި މަގުތަކުގައި ކުޑަކުޑަ ސިމެންތި ސްޓެބިލައިޒަރއެއް އަޅާފަ ވެލިއަޅާނީ. ފެނިގެންދާއިރު އޮންނާނީ ވަރަށް ރީތި ދޮންވެލި ގަނޑެއްހެން. އެހެން ނަމަވެސް ކޮންމެސްވަރަކަށް ލޫސް ފަސްގަނޑު އޮންނާނީ ހަރުކަމެއް އައިސްފައި. އެހެން ނަމަވެސް މާބޮޑަށް އެނގުންވެގެނެއް ނުދާނެ.

ރަށްރަށުގެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިތުރު ކުރިއެރުން ގެނައުމަށް ގިނަ ރަށްރަށެއްގެ މަޤުހެދުމުގެ މަޝްރޫޢުތައް މިވަގުތު ކުރިއަށްދާއިރު، އެމަޝްރޫޢުތައް އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަނީ އާރުޑީސީންނެވެ. މަގުހެދުމުގެ މަޝްރޫޢުތައް ސަރުކާރުން ކަނޑައަޅާފައިވާ ތާވާލާއެއްގޮތަށް ކުރިއަށްގެންދިއުމަށް ބޭނުންވާ ވަޒީލަތްތައް އެކުންފުނިންދަނީ އިތުރުކޮށް ފުޅާކުރަމުންނެވެ. އެގޮތުން މަގުހެދުމަށް ބޭނުންވާ ގިނަ އަދަދެއްގެ އުޅަނދާއި ސާމާނު ޗައިނާގެ ކުންފުންޏާކާ ގުޅިގެން އާރުޑީސީން މިހާރުވަނީ ގެނެސްފައެވެ. ޖުމަލް 230 ހެވީ ވެހިކަލް ގެނެސްފައިވާއިރު، އެތަކެތި މިހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމުގެ މަސައްކަތްވެސް އާރުޑީސީން ދަނީކުރަމުންނެވެ.