އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް ވެސްޓްހޭމް ޔުނައިޓެޑް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ވެސްޓްހޭމް މޮޅުވެ ރެލިގޭޝަން ޒޯނާއި ދުރަށް ޖެހިލައިފި އެވެ.
ވެސްޓްހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި މެޗުގައި ވެސްޓްހޭމް އިން ވަނީ ވޮލްވްސްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ވެސްޓްހޭމް އިން ލީޑު ނަގާފައިވަނި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ކޮންސްޓަންޓިނޯސް މަވްރޮޕަނޮސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ވެސްޓްހޭމް އިން މި މެޗުގައި ފަރަގު ބޮޑުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި ޓެޓީ ކަސްޓެޔަނޯސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ދެ މިނިޓު ފަހުން ކަސްޓެޔަނޯސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ވެސްޓްހޭމް އިން ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް މަވްރޮޕަނޮސް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ވެސްޓްހޭމް ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލުގެ 17 ވަނަ މަގާމް ލިބިފަ އެވެ. ވޮލްވްސް ތާވަލުގެ ފުލުގައި 17 ޕޮއިންޓާއެކު އޮތްއިރު ޓޮޓްނަމް ހޮޓްސްޕަރ ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. އެ ޓީމު އެއް މެޗު މަދުން ކުޅެފައިވާއިރު ދެން ކުޅޭ މެޗަކުން ޓޮޓްނަމް މޮޅުވެއްޖެނަމަ ވެސްޓްހޭމް އަނެއްކާވެސް ރެލިގޭޝަން ޒޯނަށް ވެއްޓޭނެ އެވެ.