ޚަބަރު

ނެޓްބޯޅަ ލީގު: ތިންވަނަ ދުވަސް މެޓްރިކްސް، ކޭވައިއާރްސީ އަދި އެމްވީ ނެޓާސްއަށް


  • ލީގުގެ ކުޅުން ކުރިއަށްދާނީ ހޮނިހިރު ދުވަހާއި ހަމައަށް

  • އެންއޭއެމް އިން މުޅިން އަލަށް ބާއްވާ ލީގުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ފެށި ގައުމީ ނެޓްބޯޅަ ލީގުގެ ތިންވަނަ ދުވަހުގެ މެޗުތައް ކްލަބް މެޓްރިކްސް، ކޭވައިއާރްސީ އަދި އެމްވީ ނެޓާސް ކާމިޔާބުކޮށްފިއެވެ.

ހަވީރު ކުޅެވުނު ފުރަތަމަ މެޗު ކްލަބް މެޓްރިކްސް ކާމިޔާބުކުރީ ފަސޭހަކަމާއެކު 80-28 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްގެންނެވެ. މިމެޗުގައި މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް މެޓްރިކްސްގެ ޖީކޭ އާމިނަތު ރަބާބްއެވެ.

ދެވަނަ މެޗުގައި ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ)އިން ވަނީ 65 ޕޮއިންޓުގެ ބޮޑު ފަރަގަކުން އެން ސްޕޯޓްސް އެކަޑަމީ ބަލިކޮށްފައެވެ. މިމެޗުގައި އެން ސްޕޯޓްސް އެކަޑަމީއަށް 21 ޕޮއިންޓް ހޯދުނުއިރު މެޗު ކާމިޔާބުކުރި ކޭވައިއާރްސީއިންވަނީ 86 ޕޮއިންޓް ހަދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭވައިއާރްސީގެ ޖީއޭ ޒީނާ އަހްމަދުއެވެ.

ދުވާލަކު ތިން މެޗު ކުޅުމަށް ތާވަލުކޮށްފައިވާ ނެޓްބޯޅަ ލީގުގެ އިއްޔެގެ ފަހު މެޗު ރޭގަނޑު ކުޅެފައިވާއިރު މިމެޗު ފެނިގެންދިޔައީ މިހާތަނަށް ލީގުގައި އެންމެ ގާތްގާތުން ވާދަކުރި އެއް މެޗުގެ ގޮތުގައެވެ. އެމްވީ ނެޓާސް އަދި އެސްސީ ޝައިނިން ސްޓާ ވާދަކުރި މިމެޗު 41-31 އިން ކާމިޔާބުކޮށްފައިވަނީ އެމްވީ ނެޓާސްއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީޑީގެ މަގާމަށް ކުޅެމުންދާ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހިންދްރަމް ރައްލަގެ ރުވިނީ ނިސަންލަޔާ ޔަތިގަންމާއެވެ.

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ފެށި ގައުމީ ނެޓްބޯޅަ ލީގުގައި ހަ ޓީމަކުން ވާދަކުރެއެވެ. އެއީ ކްލަބް މެޓްރިކްސް، ކްލަބް ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ، އެސްސީ ޝައިނިން ސްޓާ، އެން ސްޕޯޓްސް އަދި އެމްވީ ނެޓާސްއެވެ. ލީގުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.

ދުވާލަކު ތިން މެޗު ކުޅުމަށް ތާވަލުކޮށްފައިވާ ނެޓްބޯޅަ ލީގުގެ މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގެ ހަވީރު 04:45 އެވެ. ދެވަނަ މެޗު އިރުއޮއްސި 07:30 ގައި ކުޅޭއިރު ފަހު މެޗުގެ ކުޅުން ކުރިއަށްދާނީ ރޭގަނޑު 09:30 ގައެވެ.