ޚަބަރު

ލިވަޕޫލް ބަލިކޮށް ޕީއެސްޖީ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން ބޮޑުކޮށްފި އެވެ.

ޕީއެސްޖީ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފައިވަނީ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުގަ އެވެ.

ޕެރިހުގެ ޕާކް ޑި ޕްރިންސަސް ގައި ސާޅީސް ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޕީއެސްޖީ އިން ލީޑު ނަގާފައިވަނީ މެޗުގެ 11 ވަނަ މިނިޓޫގައި ޑިޒަޔާ ޑުއޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގެ ކުޅުން ނިމިގެންދިޔައިރު ލިވަޕޫލް އަށް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް ހަމަލައެއް ފޮނުވާލެވޭގޮތް ވަނީ ނުވެފަ އެވެ.

ޕީއެސްޖީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ކްވިޗާ ކްވަރަޓްސްކޭލިއާ ޖަހައިދިން ހިތްގައިމު ލަނޑެކެވެ.

މެންޗެސްޓަރ ސިޓީ އަތުން ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުން ބަލިވެފައިވާއިރު މި މެޗަށް ކޯޗު އާނޭ ސްލޮޓް ޓީމު ނެރެފައިވަނީ ފަހަތަށް ފަސް ޑިފެންޑަރުން ލައިގެންނެވެ.

މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ އަންގާރަ ދުވަހު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގަ އެވެ.