ޚަބަރު

ޞިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ރައީސް


  • ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން

  • ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހު

ޞިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިންޓިފިކް އެއްބާރުލުން މުހިންމު ކަމަށެވެ. އަދި ޞިއްޙި ސިޔާސަތުތަކާއި ފިޔަވަޅުތަކަކީ ސާބިތުވެފައިވާ ސައިންސްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ހެދުމަށްޓަކައި، ޞިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށްޓަކައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކޮށް، "ވަން ހެލްތު" ސިޔާސަތުގެ އަސާސަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތައް ކަމުގައި ވާންޖެހޭކަމަށެވެ. އަދި "ވަން ހެލްތު" އަކީ އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަމަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަން ކަމަށް ދެކިގެން މަސައްކަތް ކުރާ ސިޔާސަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް މައުލޫމާތަށް އިސްކަންދޭ ކަމަށެވެ. އެއާއެކު ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފުޅާކޮށް، ޞިއްޙީ މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް ލާމެހިގެންދާނެ ގޮތް ހަދައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ބަލިތައް އަވަހަށް ދެނެގަތުމަށް ބާރުއަޅައި، އަދި ފައިދާހުރި ފަރުވާގެ ޚިދުމަތްތައް ކަށަވަރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބާގައި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ވިދާޅުވަމުންނެވެ. މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރު ކަމުގައިވާ، "ޞިއްޙަތަށްޓަކައި އެކުގައި، އަދި ސައިންސާ އެކު ސާބިތުވެ ތިބުމަށް" ޝިޢާރުގެ ދަށުން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައިވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަނީ 1948 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އުފެދުނު މުނާސަބަތާ ގުޅުވައިގެން، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކޮންމެ އަހަރަކުވެސް ވަކި ޚާއްޞަ ޞިއްޙީ މައުޟޫއަކަށް އާންމުން ހޭލުންތެރިކުރުވައި، ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޙީ ގޮންޖެހުންތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމެވެ. މީގެ އިތުރުން މިއީ އެންމެހައި މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމަށާއި، އެންމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުތަކާއި އިދާރާތަކުން ފިޔަވަޅު އެޅުމަށް ބާރުއެޅުމަށް ފާހަގަކުރާ ދުވަހެކެވެ.