މުދާ އުފުލުމަށް ބޭނުންކުރާ މަގެއް ކަމަށްވާ ބާބުލް މަންދަބު އީރާނަށް ވާގިވެރިވާ ޖަމާޢަތްތަކުން ބަންދުކުރުމުގެ ފުރުޞަތު އޮތްކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އެއްވެސް މަޤުބޫލު ސަބަބެއް ނެތި މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުގެ ސަބަބުން އީރާނުން ވަނީ ދުނިޔެއަށް ބޭނުންވާ ތެލާއި ޤުދުރަތީ ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި، އެމެރިކާއާއި ޔަހޫދީންނާ ގުޅުންހުރު އުޅަނދުފަހަރަށް ބަންދުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ.
ބާބުލް މަންދަބަކީ ގަލްފް އޮފް އީޑަންއާއި ރަތް ކަނޑާ ގުޅުވައިދޭ މަގެކެވެ. ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި މި ވާ ޙާލަތުގައި ސުއޭޒް ކެނަލްއާ ދިމާލަށް ދަތުރުކުރާ އުޅަނދުތައް ހުރަސްކުރުމަށް ބޭނުންކުރަމުންދާ ކަނޑުއޮޅިއެކެވެ. އެއާއެކު އެ މަގުގެ މުހިންމު ކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އީރާނުގެ ޜޫޙީ ވެރިޔާ، މުޖުތަބާ ޚާމަނާއީގެ އިސް މުޝީރެއް، އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރުކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ޢަލީ އަކްބަރު ވެލަޔާތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާންއާއި އީރާންއަށް ވާގިވެރިވާ ޖަމާޢަތްތަކުން ބާބުލް މަންދަބުއާ މެދު ދެކެނީ ހުރުމުޒު ކަނޑުއޮޅިއާ މެދު ދެކޭ ގޮތަށް ކަމަށެވެ. އެމެރިކާއަށް ހަދާފައިވާ ތާކުންތާކު ނުޖެހޭ ގޯސްތައް އަލުން ތަކުރާރުކޮށްފި ނަމަ ދުނިޔޭގެ ހަކަތައާއި ވިޔަފާރީ ދައުރުވާ ދައުރުވުމަށް އެންމެ ފިޔަވަޅަކުން ބުރޫއަރުވާލެވޭނެ ކަން އެމެރިކާއަށް ހާމަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެލަޔާތީ މިހެން ވިދާޅުވެފައި މި ވަނީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށް އަދި ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރު ދޫކޮށްލުމަށް އެމެރިކާއިން އީރާނަށް އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ. 48 ގަޑިއިރުގެ ތެރޭގައި އީރާނުން އެ ގޮތަށް ޢަމަލު ނުކޮށްފި ނަމަ އެމެރިކާގެ ބާރު އީރާނުގެ މައްޗަށް ދައްކާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ. އެ ވަގުތު ހަމަވާނީ ބުދަ ދުވަހު، މާލެ ގަޑިން ހެނދުނު ހައެއް ޖަހާއިރެވެ. ނަމަވެސް އީރާނުން ވަނީ އެމެރިކާގެ ހުށަހެޅުންތައް އެ ޤައުމުން ބަލައިނުގަންނަ ކަމަށް ބުނެފައެވެ.