ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރި މަންޒިލުގެ ގޮތުގައި ރާއްޖެއަށް އޮތް މަޤާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، "ވިޒިޓް މޯލްޑިވްސް" އާއި "އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަން" ގުޅިގެން ރޫޓްސް އޭޝިއާ 2026 ފޯރަމްގައި ބައިވެރިވުމަށް ތައްޔާރުވެއްޖެއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 14އިން 16އަށް، ޗައިނާގެ ޒިއާންގައެވެ.
ރޫޓްސް އޭޝިއާއަކީ، އޭޝިއާ-ޕެސިފިކް ސަރަޙައްދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު ފޯރަމެވެ. މި ފޯރަމުގައި އެއާލައިންތަކާއި، އެއާޕޯޓުތަކާއި، ފަތުރުވެރިކަމާ ބެހޭ އިދާރާތަކުގެ އިތުރުން ދާއިރާގެ އިސްބޭފުޅުން ބައިވެރިވެ، ވައިގެ ދަތުރުފަތުރުގެ މުސްތަޤުބަލާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.
މި ފޯރަމުގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކޮށް، އަލަށް ކުރިއަރަމުން އަންނަ މާކެޓުތަކަށް ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
މި މަސައްކަތަކީ، އައިއެޗްޓީއޯއިން އިސްނަގައިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި، ޗައިނާގެ ބެއިޖިންގގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. ވީއެމްސީން ވިދާޅުވީ، މިއީ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ބަދަހިވަމުންދާކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ގޮތް ނިންމުމުގެ ބާރު ލިބިފައިވާ 900 އަށްވުރެ ގިނަ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަަމަށެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ "މޯލްޑިވިއަން އެއާޕޯޓްސް" އިންވެސް މި ހަރަކާތުގައި އިސް ދައުރެއް އަދާކުރާނެއެވެ. ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި މިކަމުގައި ބައިވެރިވުމަކީ، ވައިގެ ދަތުރުފަތުރުގެ އުމްރާނީ ތަރައްޤީއަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ވީއެމްސީން ވިދާޅުވެއެވެ. މީގެ އިތުރުން، ހުޅުމާލޭގައި ހުޅުވޭ "މެންހަޓަން ގްރޭންޑް ހޮޓެލް" ފަދަ އިންވެސްޓްމަންޓުތަކަކީ ރާއްޖޭގެ މެހެމާންދާރީގެ ދާއިރާ ފުޅާވަމުންދާ ކަމުގެ ހެއްކެކެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، ރޫޓްސް އޭޝިއާ 2026 މެދުވެރިކޮށް، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤުބޫލު ލަގްޒަރީ އަދި ޗުއްޓީ ހޭދަކުރާ މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ އާއިލާތަކަށް ރައްކާތެރި، މަތީ ފެންވަރުގެ ޚިދުމަތްތައް ލިބޭ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ބްރޭންޑް ކުރެވި، މަޤުބޫލުކަން އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.