ޚަބަރު

ރައްކާތެރިކަމާއެކު ހުރްމުޒް ހުރަސްކުރުމުގެ މަޝްވަރާތައް އީރާނާއި އޮމާނުން ފަށައިފި


އުޅަނދުތަކަށް ރައްކާތެރިކަމާއެކު ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ މަޝްވަރާތައް އީރާނާއެކު ކުރަމުންދާކަމަށް އޮމާނުން ބުނެފިއެވެ.

އޮމާނުގެ ޚާރިޖީ ވުޒާރާއިން ބުނީ، ދެ ޤައުމުގެ ޚާރިޖީ އަދި ފަންނީ މާހިރުން އެ މަޝްވަރާތައް މިއަދު ބޭއްވިފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ހުރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކުރުމުގައި ދެ ފަރާތުން ވެސް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުންތައް ވަރަށް ތަފްޞީލީ ގޮތެއްގައި ދިރާސާކުރެވޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ.

ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން އެމެރިކާއާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ ނިރުބަވެރި ޢުދުވާނުގެ ރައްދުގައި ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދިނުމުގެ އިތުރުން، މެދުއިރުމަތީގެ ތެލާއި ގޭސް އުފުލަން ބޭނުންކުރާ މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފައެވެ. އަދި އެ ކަނޑުއޮޅި ހުރަސްކުރާ އެމެރިކާ އަދި ޔަހޫދީންނާ ގުޅުންހުރި އުޅަނދުތަކަށް އީރާނުން ދަނީ ޙަމަލާދެމުންނެވެ. މަދު ޤައުމެއްގެ އުޅަނދުތަކަށް އެ ކަނޑުއޮޅި ހުރަސްކުރުމުގެ ޙުއްދަ އީރާނުން ދީފައިވީނަމަވެސް، ގާތްގަނޑަކަށް 3،000 އެއްހާ ތެލާއި ގޭސް އުފުލާ ޓޭންކަރު އެ ސަރަޙައްދުގައި ތާށިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނާ އެކު އޮމާނުން މަޝްވަރާ ފަށާފައިވަނީ، އޮމާނުގެ ދެ ތެޔޮ ޓޭންކަރަކާއި ގޭސް އުފުލާ ޓޭންކަރެއް ރައްކާތެރިކަމާއެކު ހުރްމުޒް ހުރަސްކުރުމުގެ މަގުފަހިކުރުމަށެވެ. މިގޮތުން، އެ ތިން ޓޭންކަރު މިހާރު ވެސް އެ ސަރަޙައްދުގެ ކައިރިއަށް ދަތުރުކޮށްފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ހުރްމުޒް ކަނޑުއޮޅިން އޮމާނުގެ އުޅަނދުތަކަށް ދަތުރުކުރެވޭނެ ޙާއްޞަ އުޞޫލެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށް އީރާނުގެ ކަމާގުޅޭ އިދާރާތަކުން ވެސް ވަނީ ޔަޤީންކޮށްދީފައެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސް އިންސައްތަ އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާއިރު، އެ ކަނޑުއޮޅި ބަންދުކުރުމުގެ އަސަރު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް ވެސް ވަނީ ކޮށްފައެވެ.

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސްއަޅާނަމަ، އީރާނު "އިހު ޒަމާނަކަށް" ފަހަތަށް ޖައްސައިލެވޭ ވަރަށް ސުންނާފަތިކޮށްލާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.