ޚަބަރު

ޓްރަމްޕްގެ ނުރުހުމާއެކު ނޭޓޯއަށް އިތުރު ގޮންޖެހުމެއް


ފާއިތުވި އަހަރުތަކުގައި، ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯއަށް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

މީގެ ތެރޭގައި، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ފެށި ހަނގުރާމަ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުވިދާޅުވުންތަކާއި ގްރީންލޭންޑަށް އަތްގަދަކުރުމަށް ތަކުރާރުކޮށް ދެއްވަމުން ގެންދަވާ އިންޒާރުތައް ހިމެނެއެވެ.

ނަމަވެސް، ވިލާތުގެ ޤައުމުތަކާ އެތައް ހާސް މޭލު ދުރުގައި، އީރާނާ ދެކޮޅަށް އެމެރިކާ އާއި ޔަހޫދީން ގުޅިގެން ފަށާފައިވާ ނިރުބަވެރި ޢުދުވާނުގައި، 76 އަހަރުވީ ނޭޓޯގެ ބިންގަލާ ހަމައަށް ގުޑުވާލާފައިވާކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވެއެވެ.

މި ނިރުބަވެރި ޢުދުވާނުގެ ދިފާޢުގައި އީރާނުން ބަންދުކޮށްފައިވާ ކަނޑުއޮޅި ހުޅުވަން ވިލާތުގެ ޤައުމުތަކުން އަސްކަރީ އެހީ ފޮނުވަން ވިލާތުގެ ޤައުމުތަކުން ދެކޮޅު ހެދުމުގެ ނުރުހުން ޓްރަމްޕް ގެންދަވަނީ ފާޅުކުރައްވަމުންނެވެ. މީގެއިތުރުން، އީރާނަށް ޙަމަލާދިނުމަށް ވިލާތުގެ ބައެއް ޤައުމުތަކުގެ އަސްކަރީ ވައިގެ ބަނދަރުތައް ދޭން ދެކޮޅު ހެދުމަކީ ޓްރަމްޕްގެ ނުރުހުން އަމާޒުވެފައިވާ އިތުރު ސަބަބެކެވެ.

އެއާ އެކު، ނޭޓޯއިން އެމެރިކާ އިން ވަކިވާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

އަދި ވިލާތުގެ ޤައުމުތަކަށް ކުރިމަތިވާނެއްގައި ޢުދުވާނެއްގައި އެމެރިކާގެ އަކަސްރީ އެހީތެރިކަން ނުދޭނެކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، އެމެރިކާގެ ބައިވެރިވުމެއް ނެތް އިއްތިޙާދެއްގެ ޙަޤީޤަތާ ވިލާތުގެ ޤައުމުތަކުން ވިސްނަން މިހާރު މަޖުބޫރުވެފައިވާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނޭޓޯއިން ވަކިވުމަކީ ޤާނޫނީ ގޮތުން އެމެރިކާގެ ރައީސަށް ލިއްބައިދީފައިވާ ބާރެއް ނޫނެވެ. އެގޮތުން، ނޭޓޯއިން ވަކިވުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ސެނެޓުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ބޭނުންވާނެއެވެ.

ނަމަވެސް، ވިލާތުގެ ޤައުމުތަކަށް އަސްކަރީ އެހީ ފޯރުކޮށްދިނުމާ ނުދިނުމުގެ އިޚްތިޔާރު ޓްރަމަޕަށް ލިބިވަޑައިގަންނަވާނެއެވެ.