އިންޑިއާގެ މެދުތެރޭގެ ސަރަޙައްދަށް މިއަދު އައި ބިންހެލުމަކާ ގުޅިގެން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ކަމަށެވެ. އަދި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް އޮތްތޯ ބެލި ބެލުމުން، އެފަދަ ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އެއިދާރާއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ބިންހެލުމުގެ ސަބަބުން މި ސަރަޙައްދަށް ސުނާމީގެ އަސަރެއް ނުކުރާނެ ކަމަށެވެ. ސަބަބަކީ މި ބިންހެލުމަކީ 5.3 މެގްނިޓިއުޑުގައި އައިސްފައިވާ ބިންހެލުމަކަށްވާތީ ކަމަށާއި، ނުރައްކާތެރި މިންގަނޑަކީ 7 ޕޮއިންޓުގައި އަންނަ ބިންހެލުންތައް ކަމަށެވެ. އަދި މިފަދަ ބިންހެލުމުގެ ސަބަބުން ސުނާމީވެސް އަރާނެ ކަމަށް މެޓު އޮފީހުން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި 2004 ވަނަ އަހަރު ރާޢްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، 9.1 މެގްނިޓިއުޑުގެ ބާރުމިނުގައި އައިސްފައިވާ ސުނާމީއެއްކަންވެސް އެ އިދާރާއިން ވަނީ ފާހަގަ ކުރައްވާފައެވެ.
އެއިދާރާއިން އިތުރަށް ވިދާޅުވީ، އެބޭފުޅުން މި މައުލޫމާތު ދުރާލާ ހިއްސާ ކުރަމުން އައި ނަމަވެސް ކާރިސާއެއް ކުރިމަތިވާނެ ކަމުގެ ބިރުވެރި ކަމެއް ނެތް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަމުގެ އަސަރު އައްޑޫސިޓީއަށް ކުރާކަމަށް ބުނެފައި ވީނަމަވެސް އެކަން ކަމަކީ ސީދާ މި ބިންހެލުމުގެ ސަބަބުން ކުރި އަސަރެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މި ބިންހެލުން އައިސްފައިވަނީ، 04 އޭޕްރިލް 2026 ވީ ދުވަހުއެވެ. ބިންހެލުން އައި ސަރަޙައްދަކީ، ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 2553 ކިލޯމީޓަރު ދުރުގައިވާ ސަރަޙައްދެކެވެ.
އެ އިދާރާއިން ވިދާޅުވީ، ރާއްޖެއާ ދުރު ސަރަޙައްދުތަކަށް އަންނަ މިފަދަ ބިންހެލުންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަބަދުވެސް ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށެވެ.