ސަރުކާރުން އަލަށް ތަޢާރަފްކުރި "މާލެ ޓެކްސީ" ލައިންގެ ޚިދުމަތަށް ބޭނުންކުރާ ތިމާވެއްޓާ ރައްޓެހި އީވީ ދެ ކާރެއް ވިލިމާލެއަށް ގެންގޮސްފިއެވެ.
މިއީ، ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އާންމުންނަށް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިމަހުގެ 2ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މާލެ ޓެކްސީ ލައިންގައި ބޭނުންކުރާ 150 ކާރުގެ ތެރެއިން ވިލިމާލެއަށް ގެންގޮސްފައިވަނީ، ލުމީ މޮޑެލްގެ 2 އީވީ ޓެކްސީއެވެ. މިއީ ރައްކާތެރި، ސާފުތާހިރު އަދި މާލެ ސަރަޙައްދުގެ މާހައުލާ އެންމެ ގުޅޭ އުޅަނދުތައް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
We are delighted to reveal that two Lumin model EV taxis are being delivered to Vilimalé to support Malé Taxi Line services. ⚡🚖🌱
— MTCC Plc (@MTCCPlc) April 3, 2026
Our eco-friendly taxi fleet will provide a safe, cleaner and convenient transport service to the Greater Malé region.#RayyithungeTaxi… pic.twitter.com/D9aRwzuROG
މި ޓެކްސީ ލައިންގެ ޚިދުމަތް އިއްޔެއިން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ފޯރުކޮށްދޭން ނިންމާފައި ވަނީ މުޅިން ހިލޭއެވެ. މި މުއްދަތުގެ ތެރޭގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާންމުންގެ ޚިޔާލު ހޯދުމަކީ އެމްޓީސީސީގެ މައިގަނޑު އަމާޒެކެވެ.
އެމްޓީސީސީން ވިދާޅުވީ، ހިލޭ ދަތުރުކުރެވޭ މުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރުތައް ބުކް ކުރުމުގެ ފުރުޞަތު ހުރިހާ ކަސްޓަމަރުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ، ތަޖުރިބާ ހަފުތާއަށް ފަހުގައި ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެމްޓީސީސީން ދަނީ، މި ޚިދުމަތަށް ފޯން އެކްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެއާއެކު ޚިދުމަތަށް އިތުރު ލުއިފަސޭހަތަކެއް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެއެވެ.
މާލެ ޓެކްސީގެ ކާރުތަކުން، މަގުމަތިން އަތް ނަގައިގެން ދަތުރެއް ނުނަގާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، މި ޚިދުމަތަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު ޓްރެކްކޮށް، މޮނިޓަރކޮށް ވަރަށް ރޭވުންތެރިކަމާއެކު ދޭ ޚިދުމަތަކަށް ވާތީއެވެ. މަގުމަތިން އަތް ނަގައިގެން ޓެކްސީތައް ނަގާ ބައެއް ހާލަތްތަކުގައި، ބައެއް ފަހަރު އަގުބޮޑު މުހިންމު ތަކެތި ކާރުގައި ބެހެއްޓި، އެ ތަކެތި ނުފެނި ބޮޑެތި ގެއްލުންތައްވެސް ޕެސެންޖަރުންނަށް ކުރިމަތިވެފައި އެބަހުއްޓެވެ. އަދި ހިތްހަމަ ޖެހޭ ތަޖުރިބާއެއް ނުކުރެވި ދާ ޙާލަތްތައްވެސް ދެއެވެ.