ޚަބަރު

ހިރިމަރަދޫން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ދެނީ


  • ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރަން ވަނީ ހުޅުވާލާފައި

  • ހިރިމަރަދޫ ރައްޔިތުން އިދާރިގޮތުން ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ވަނީ ހިމަނާފައި

  • ހިރިމަރަދޫން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ ރައްޔިތުންގެ އެދުމުގެމަތިން

ހދ. ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރަން ހުޅުވާލައިފިއެވެ.

އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫގެ ރައްޔިތުން އެއަތޮޅުގެ ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށް ކަނޑައެޅުއްވުމަށް ވަނީ ނިންމަވާފައެވެ. މިއާއެކު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެލިސްޓު ވަނީ ހިމަނުއްވާފައެވެ.

ސަރުކާރުން ގެންނެވި ބަދަލުތަކާއެކު އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލާއެކު، ހިރިމަރަދޫ ރައްޔިތުން އިދާރިގޮތުން ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ވަނީ ހިމަނާފައެވެ. މިފަހަރުގެ އިންތިޚާބުގައި އެރަށުގެ ރައްޔިތުން ވޯޓު ދީފައިވަނީވެސް، ހަނިމާދޫގެ ކައުންސިލް އިންތިޚާބުކުރުމަށެވެ.

ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ ހއ. ހޯރަފުށީ ކައުންސިލުގެ އާންމު ޖަލްސާއެއްގައި ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ރައްޔިތުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށެވެ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން 24 ޖޫންއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ އަދި މިހާރުގެ ހަނިމާދޫ އަވަށު އޮފީހުގައި ނަން ނޯޓުކުރުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު އަސްފާމް ވިދާޅުވީ އެއީ އެރަށުގެ ކުރީގެ ކައުންސިލުން ނިންމެވި ނިންމެވުމެއް ކަމަށާއި ހޯރަފުއްޓަކީ ކުދި އާބާދީތަކުން އެ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް މަރުޙަބާ ކިޔާ ރަށެއް ކަމަށެވެ. އެގޮތުން، ކުރިންވެސް އެ އަތޮޅުގެ ދެ ރަށެއްގެ ރައްޔިތުން ހޯރަފުއްޓަށް ބަދަލުވެފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ރައީސް އަސްފާމް ވިދާޅުވީ ހަނިމާދޫ ކައުންސިލުން މިހާރު ހުޅުވާލި ފުރުޞަތުގައި ރައްޔިތުން ނަން ނޯޓުކުރުމުން އެކަމުގައި ހޯރަފުށި ކައުންސިލުން ވާންޖެހޭ ތައްޔާރީތައް ކުރިއަށްގެންދަވާނެ ކަމަށެވެ. އެގޮތުން، ސަރުކާރާ މަޝްވަރާކޮށް، އެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ ރައްޔިތުންގެ އެދުމުގެމަތިންނެވެ. އެގޮތުން، 500އަށް ވުރެ ބޮޑު އާބާދީއެއް ރަޖިސްޓްރީކޮށްފައިވާ ހިރިމަރަދޫގައި ދިރިއުޅެނީ 200އެއްހާ މީހުންނެވެ. މީގެ ސަބަބުން ރަށުގެ ތަރައްގީއަށް ހުރަސްއެޅި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލިބުމުގައި ދަތިތަކާ ދިމާވެއެވެ. އެފަދަ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ދައުލަތުގެ ބަޖެޓަށްވެސް ބުރައަކަށްވާނެތީ އެ ރަށުގެ ރައްޔިތުން އެދުނީ އާބާދީ ބޮޑު ރަށަކަށް އެ ރަށުގެ ރައްޔިތުން ބަދަލުކޮށްދިނުމަށެވެ.