ޚަބަރު

"ކާމިޔާބުގެ ސިއްރަކީ ބަދަހިކަން"


  • މުޅި މުބާރާތުންވެސް ބަނގްލަދޭޝް ޓީމުން ބަދަހިކަން ފެނުނު

  • ޓީމު މާލެ އައީ މުބާރާތުގެ ތަށި ދިފާއުކުރުމުގެ އަޒުމުގައި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން ބަނގްލަދޭޝްއަށް ލިބުމުގެ ސިއްރަކީ ޓީމުގެ ބަދަހިކަމާއި އެކުވެރިކަންކަމަށް އެޓީމުގެ ކޯޗް މާކް ކޯޒް ބުނެފި އެވެ.

2024 ވަނަ އަހަރު ނޭޕާލުގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދި ބަނގްލަދޭޝްގެ ޒުވާން ޓީމުން މިއަހަރުގެ މުބާރާތުގެ ތަށިވެސް ހިއްލާލާފައިވާއިރު، ކާމިޔާބީގެ ސިއްރަކީ ޓީމުގެ މެދުގައި އޮންނަ އާއިލީވަންތަކަންކަމަށް ކޯޗު ބުނެފައިވެއެވެ.

ޓީމުން ކޮންމެ ކަމެއްވެސް ކުރަމުންދިޔައީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި ޓީމު އާއިލާއެއްގެ ގޮތުގައި ފެނިގެންދިއުމުގަ ޓީމުގެ އެސިސްޓެންޓް ކޯޗްގެ ހިއްސާ ބޮޑުކަމަށް ކޯޒް ފާހަގަކުރިއެވެ.

"އަހަރެމެންނަކީ އެއް އާއިލާއެއް. އަހަރުމެންގެ ކަންކަންކުރަމުން ގެންދިޔައީ އެކަތިގަނޑެއްކަމަށް ދެކިގެން، ޓީމެއްގެ ގޮތުގައި. ޓީމުގެ ބަދަހިކަމުގެ އަސްލަކީ އެސިސްޓެންޓް ކޯޗުގެ ހިތްވަރު. ޓީމުގެ ކުޅުމަށް ހުރަސްއެޅިދާނެ އެންމެހާ ކަންކަމުން ދުރުހެލިވެ ޓީމެއްގެ ގޮތުގައި ބަދަހިކަން އަބަދުވެސް މިކުދިން ދެއްކި. އެކަމުގެ ނަތީޖާ މިފެނުނީ" ކޯޗު ބުންޏެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެންޕިއަންކަން ހޯދި ބަނގްލަދޭޝްގެ ޒުވާން ޓީމަކީ މޮޅެތި ކުޅުންތެރިންތަކެއް ނިސްބަތްވާ ޓީމެކެވެ. ވަރުގަދަ އިންޑިއާއާއި ދެކޮޅަށް އެޓީމުން ނުކުމެ ދެއްކި ހިތްވަރަކީ ތައުރީފު ހައްގު ހިތްވަރެކެވެ. ފައިނަލް މެޗު ފާހަގަކުރެވުނީ ނޭވާ ހިފަހައްޓާލަންޖެހުނު މެޗެއްގެ ގޮތުގަކަމަށްވާއިރު، މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރިކުޅުމެއް ފެނިގެންދިޔައިރު، މުބާރާތުގެ ތަށި ބަނގްލަދޭޝްއިން އުފުލާލީ ޕެނަލްޓީ ޖަހައިގެން އިންޑިއާގެ މައްޗަށް 3-4 އިން ކުރިހޯދައިގެންނެވެ.