ޚަބަރު

ސާފް ޗެމްޕިއަންޝިޕް: ފެއާ ޕްލޭ ޓީމަކީ ދިވެހިރާއްޖެ


  • ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވީ ކެޕްޓަން އިލާން

  • ރާއްޖެއިން މުބާރާތުގައި ކުޅުނީ ތިން މެޗު

ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފެއާ ޕްލޭ ޓީމަކަށް، ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވީ ދިވެހި ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާނެވެ.

މި އެވޯޑަކީ މުބާރާތުގައި ކުޅޭ ޓީމުތަކުގެ ތެރެއިން، މެޗުތަކުގައި، ފީފާގެ އުސޫލުތަކާއި ގަވައިދުތަކަށް ކިޔަމަންވުމުގައި އަދި ފެއާ ޕްލޭގެ ހަމަތަކާ އެއްގޮތަށް އެންމެ ފުރިހަމައަށް އަމަލުކޮށްފައިވާ ޓީމަށް ދޭ އެވޯޑެކެވެ.

މުބާރާތުގެ ހޯސްޓު ރާއްޖެއިން މި މުބާރާތުގައި ތިން މެޗެއް ކުޅެފައިވެއެވެ. އެއީ ގްރޫޕް އޭގައި ހިމެނި، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗެވެ.

ރާއްޖެއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނުއިރު، ރާއްޖެއިން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ފަހަތުން އަރައި މި މެޗު ކާމިޔާބުކުރީ ލަންކާއިންނެވެ.

ދެވަނަ މެޗުގައި ރާއްޖެއިން ނުކުތީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މުބާރާތުގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުތްއިރު، އެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ރާއްޖެއިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން، ދެ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.