ޚަބަރު

ޓްރަމްޕްގެ ޢުދުވާނަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ: އެމެރިކާގެ މާހިރުން


އީރާނުގެ މަދަނީ ބިނާރާއި ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ޖަރީމާތަކަކަށް ވެދާނެކަމުގެ އިންޒާރު އެމެރިކާގެ ޤާނޫނީ މާހިރުން ދީފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ އިންޖީނުގެތަކާއި ފެން އުފައްދާ ޕްލާންޓުތަކަށް ޙަމަލާދޭނެ ކަމުގައި ވިދާޅުވެ ދެއްވި އިންޒާރުތަކާ ގުޅިގެން، ހާވަރޑް އަދި ޔޭލް ފަދަ ޔުނިވަރސިޓީތަކުގެ 100 އަށްވުރެ ގިނަ ދާރިސުންނާއި މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސިޓީއެއް ޝާއިޢުކޮށްފައެވެ.

ބައިނަލްއަޤުވާމީ ސިޔާސަތާ ގުޅޭ މަޖައްލާ، "ޖަސްޓް ސެކިއުރިޓީ" ގައި ޝާއިޢުކުރި ސިޓީގައި މާހިރުން ބުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްވާރުންގެ ބަސްމަގު އަދި އަސްކަރިއްޔާގެ ޢަމަލުތަކުން އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބެލުމުގެ ފުރުޞަތު ބޮޑުކަމުގައެވެ. ޚާއްޞަކޮށް "މަޖަލެއްގެ" ގޮތުގައި އީރާނަށް ޙަމަލާދޭން ޖެހިދާނެ ކަމުގައި ޓްރަމްޕް ވިދާޅުވުމާއި، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ހަނގުރާމައިގެ އުޞޫލުތަކަށް ގޮންޖެއްސެވުން މާހިރުން ފާހަގަކުރިއެވެ.

ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގައި، އަންހެން ކުދިންގެ މަދަރުސާއަކަށް ދިން ނިރުބަވެރި ޙަމަލާއެއްގައި 175 މީހުން ޝަހީދުކޮށްލާފައިވާ ކަން އީރާނުގެ ރެޑް ކްރެސެންޓުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެއީ، އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާއެއް ކަމުގައި ބެލެވޭއިރު، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެ ހާދިސާގެ ތަޙުޤީޤު އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމުގައި ބުނެފައެވެ.

ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކުގައި ދޭ ވަރުގަދަ ޙަމަލާތަކާއެކު އީރާން "އިހު ޒަމާނުގެ" ޙާލަތަށް ވައްޓައިލައްވާނެ ކަމުގައެވެ. މި ފަދަ ބަސްމަގަކީ އިންސާނިއްޔަތުކަން ކުޑަކުރުމުގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ މުސްލިމުން ތަމްސީލުކުރާ ޖަމުޢިއްޔާތަކުން ވަނީ ޓްރަމްޕަށް ފާޑުކިޔާފައެވެ. މި ޢުދުވާނާއި ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު ޝަހީދުކޮށް، މިލިއަނުން މީހުން ވަނީ ޙާލުގައި ޖައްސާފައެވެ.