ޚަބަރު

ރާއްޖޭގެ ޓީމު ޗަންގމާއި ސިކްސެސްގެ ސެމީއަށް


  • ރާއްޖޭގެ ޓީމު މިވަގުތު އޮތީ ގްރޫޕް އޭ ގެ އެއްވަނައިގަ

  • މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ހަދާފައިވަނީ މޫސާ ކަލީމް

ތައިލޭންޑްގައި ކުރިއަށްދާ 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް (އެސްސީސީ)އިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ހަތަރު ވަނަ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުން އެސްސީސީ ޖާގަ ކަށަވަރުކުރީ މާރގޭޓް ސީސީއާ ވާދަކޮށް 12 ލަނޑުގެ ތަފާތުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި ރާއްޖޭގެ ޓީމުންވަނީ 5 އޯވަރުގެތެރޭގައި 78 ލަނޑު ހަދާފައެވެ. އަދި އިދިކޮޅުން ވާދަކުރި މާރގޭޓް ސީސީއަށް ހެދިފައިވަނީ 66 ލަނޑެވެ.

މިމެޗުގައި ރާއްޖެ ޓީމުން އެންމެ މޮޅަށް ކުޅެފައިވަނީ ނުބައިނުވެ 33 ލަނޑު ހަމަކުރި މޫސާ ކަލީމްއެވެ. މިމުބާރާތުގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ އޭނާއެވެ. އޭނާވަނީ 61 ބޯޅައަށް 157 ލަނޑު ހަދާ ތާވަލުގެ އެއްވަނައިގަ ހަމަޖެހިލާފައެވެ. މި ތާވަލުގެ ދެވަނައިގައި އޮތް ޗަލަމްއަށް 78 ބޯޅައިން ހެދިފައިވަނީ 140 ލަނޑެވެ.

ޗަންގމާއި ސިކްސެސް މުބާރާތުގެ ކަޕް ކެޓަގަރީގެ ދެވަނަ ބުރުގެ ތާވަލަށްބަލާއިރު ގްރޫޕް އޭގެ އެއްވަނައިގައި ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް އޮތީ 7 ޕޮއިންޓު ހަމަކޮށްގެންނެވެ. ދެވަނައިގަ އޮތް ޑްރިފްޓާސްއަށް 5 ޕޮއިންޓު ލިބިފައިވާއިރު، މާރގޭޓް ސީސީ ތިންވަނައިގަ އޮތީ 2 ޕޮއިންޓާއެކުގައެވެ.

36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގެ ކުޅުން ކުރިއަށްދަނީ މިމަހުގެ 27 އިން އަންނަމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުންދާ ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ މޫސާ ކަލީމް، އަހްމަދު އަފްޒަލް ފާއިޒް، އަހްމަދު ނީޝަމް ނާސިރް، އަލީ އާޒިމް، އާރިފް ރިޒާ، އިބްރާހިމް ރިޔާޒް، މުހަންމަދު ސައީދު، ޝާހިދު މުހަންމަދުގެ އިތުރުން އަހްމަދު ކަލީމްއެވެ.