ޚަބަރު

ހޮނިހިރުދުވަހުގެ އިންތިޚާބުތަކުގައި 888,845 ވޯޓު ކަރުދާސް


  • މުޅި ޖުމްލަ 888,845 ކަރުދާސް ވަނީ ޗާޕުކޮށްފަ

  • ޚިޔާލު ހޯދުމުގެ ވޯޓަށް 298,180 ކަރުދާސް ވަނީ ޗާޕުކޮށްފަ

ހޮނިހިރު ދުވަހު ބާއްވާ 3 އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕްކޮށް ނިންމާލައިފިއެވެ. މި އިންތިޚާބަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ކަރުދާސްތައް ޗާޕްކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ތައްޔާރުކޮށްފައެވެ.

މިއާއެކު މި އިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޗާޕުކޮށްފައިވާ ވޯޓު ކަރުދާސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނައިން ކަރުދާސް ޗާޕުކޮށްފައިވަނީ މާލެ ސިޓީއަށެވެ. އެގޮތުން މި ސިޓީއަށް 58,953 ކަރުދާސް ޗާޕުކޮށްފައިވާއިރު، 21,538 ކަރުދާހާއެކު ދެވަނައަށް އެންމެ ގިނައިން ޗާޕުކޮށްފައިވަނީ އައްޑޫ ސިޓީއަށެވެ. މީގެ އިތުރުން، ފުވައްމުލައް ސިޓީއަށް 9,947 ކަރުދާސް، ކުޅުދުއްފުށި ސިޓީއަށް 7,461 ކަރުދާސް އަދި ތިނަދޫ ސިޓީއަށް 5,967 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.

މިފަހަރުގެ އިންތިޚާބުގައި ކައުންސިލަރުން އިންތިޚާބު ކުރާނީ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު، އާބާދީ 2000 އަށްވުރެ މަދު ރަށްރަށުގައި މިފަހަރު ތިބޭނީ 3 ކައުންސިލަރުންނެވެ. އެއީ ކައުންސިލް ރައީސާއި، އަންހެނުންނަށް ޚާއްސަ ގޮނޑިއަށް އިންތިޚާބުވާ މެންބަރާއި، އިތުރު އެއް މެންބަރެކެވެ. ނަމަވެސް އާބާދީ 2000 އަށްވުރެ އިތުރު ރަށްރަށުގައި ކުރިއެކޭވެސް އެއްގޮތަށް 5 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

ޤާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ކައުންސިލެއްގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރަން ޖެހެއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ.