ޚަބަރު

އިތުރު ރޭސްތަކަކާއެކު "ރާރާ ޕްރޯ 2026" ޖޫންމަހު


  • "ރާރާ ޕްރޯ 2026" ކުރިއަށްދާނީ ޖޫންމަހުގެ 1 އިން 6 ގެ ނިޔަލަށް ކ. ދިއްފުށީގަ

  • މިއަހަރުގެ އިވެންޓަށް ފްރީސްޓައިލް ކައިޓްބޯޑިންވަނީ އިތުރުކުރެވިފައި

  • "ރާރާ ޕްރޯ 2026" ގައި ބައިވެރިވުމަށް ހުޅުވާލާނީ މިމަހުގެ 4 ވަނަ ދުވަހު

އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ރާރާ ޕްރޯ 2026" ލޯންޗްކޮށްފިއެވެ.

ސްލާލޮމް ރޭހެއްގޮތަށް ކުރިއަށްގެންދާ "ރާރާ ޕްރޯ"ގެ ދެވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫންމަހުގެ 1 އިން 6 ގެ ނިޔަލަށް ކ. ދިއްފުށީގައެވެ. "ރާރާ ޕްރޯ 2026" ލޯންޗްކޮށްފައިވަނީ އެކަމަށްބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިކޯނިކް އިވެންޓްސްގެ ފައުންޑަރ ހަސަން ރަޝީދު ވިދާޅުވެފައިވަނީ މިއަހަރުގެ މުބާރާތަށް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ އިވެންޓަށް ފްރީސްޓައިލް ކައިޓްބޯޑިން އިތުރުކުރެވިފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

"މިދިޔަ އަހަރުގެ އިވެންޓުގައި މިދިޔައީ ސްލާލޮމް ރޭސިން، ދެން މިއަހަރު އިންޓްރޮޑިއުސްކުރަން އެބަ ފްރީސްޓައިލް ކައިޓްބޯޑިން" މިއަހަރުގެ ރޭހަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން ހަސަން ބުނެފަވެއެވެ.

"ރާރާ ޕްރޯ 2026" ގައި ބައިވެރިވުމަށް ހުޅުވާލާނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އާރލީބާރޑް ޑިސްކައުންޓް ރޭޓްގައި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެކަމަށް އައިކޯނިކް އިވެންޓްސްއިން ބުނެފަވެއެވެ. މުބާރަތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަމަހުގެ 10 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވިފައެވެ.

އައިކޯނިކް އިވެންޓްސްއިން ބުނެފައިވާ ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކައިޓް ބޯޑިން އިތުރަށް ފުޅާކޮށް، މޫދު ކުޅިވަރާއި ފަތުރުވެރިކަން ގުޅުވާލުމެވެ. އޭގެ އިތުރުން މިކުޅިވަރު އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ދެނެގަނެ މިކަމުގެ ތެރެއަށް އައު އެތުލީޓުން ވެއްދުމަކީ މިފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމު މަގްސަދެއްކަމަށް އައިކޯނިކް އިވެންޓްސްއިން މައުލޫމާތުދީފައިވެއެވެ.

"މި އިވެންޓްގެ މައިގަނޑު މަގްސަދަކީ ކައިޓްބޯޑިން ސީން އިތުރަށް ގްރޯކޮށް، ސްޕޯޓްސް ޓޫރިޒަމް ނުވަތަ ޓޫރިޒަމްއާއި ކުޅިވަރާ ގުޅުވާލާފަ މިއަންނަ ޕްރޮޑަކްޓް އިތުރަށް އެކްސްޕްލޯރކޮށް ކުރެވެން ހުރި ކަންކަން ބަލާ މީގެ ތެރެއިން އިތުރު ރައިޑާސްތަކެއް އުފައްދާ ސެއިލިންގެ ތެރެއިން ކައިޓްބޯޑިން ޑިސިޕްލިންއަށް ކުދިން ތައްޔާރުކުރުން" ހަސަން ބުންޏެވެ.

"ރާރާ ޕްރޯ" ގެ ފުރަތަމަ އެޑިޝަންކަމަށްވާ "ރާރާ ޕްރޯ 2025" ވެސް ކުރިއަށް ގެންގޮސްފައިވަނީވެސް ކ. ދިއްފުށީގައެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ 10 އިން 12 އަށް ކުރިއަށް ގެންދިޔަ އިވެންޓުގެ އެއްވަނަ ހޯދާފައިވަނީ ރާއްޖޭގެ އެއްވަނަ ކައިޓްބޯޑަރު ހަސަން މާހިރު އެވެ. އަދި ދެވަނަ މުހަންމަދު ރާއިފް ޝަނީޒް ހޯދާފައިވާއިރު "ރާރާ ޕްރޯ 2026" ގެ އެމްބެސެޑަރކަމަށްވާ ވިސާމް މުހަންމަދުއަކީ ފާއިތުވެދިޔަ އަހަރު ތިންވަނަ ހޯދި ކައިޓްބޯޑަރއެވެ.

"ރާރާ ޕްރޯ 2026" ލޯންޗްކުރުމަށް ބޭއްވި ބައްދަލުވުމުގައިވަނީ އިވެންޓުގެ އެމްބެސެޑަރ ތައާރަފުކުރުމުގެ އިތުރުން ޕޯސްޓަރ އަދި ޖާރޒީވެސް ދައްކާލާފައެވެ.