ހުޅުމާލެ ހޮސްޕިޓަލުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލައެއް ބަލަމުންދާކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ މާރިޗުމަހު 22ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ނެރުނު ކޯޓު އަމުރެއްގެ ދަށުން، އުމުރުން 40 އަހަރުގެ މާލޭގެ މއ. ވިނަރެސް އަށް ނިސްބަތްވާ ޙުސައިން ޝިހާމް ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހު 29 ގައެވެ.
އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާ ވަގަށްނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ގެންދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުން ކަމަށެވެ.