ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އެއްވެސް ހުށަހެޅުމެއް އީރާނުން ހުށަހަޅާފައި ނުވާނެ ކަމަށް އެ ޤައުމުގެ ޙާރިޖީ ވަޒީޜު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
ޢަރާޤްޗީ މިހެން ވިދާޅުވެފައި މި ވަނީ ހަނގުރާމަ މެދުކަނޑައިލުމަށް އީރާނުން އާދޭސްކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ވިދާޅުވެފައި ވަނިކޮށެވެ.
އެއްވެސް މަޤުބޫލު ސަބަބެއް ނެތި ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާ ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުއެވެ. ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ދަނީ ޔަހޫދީންނާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތައް ދީ ގެއްލުން ދެމުންނެވެ. ހަނގުރާމަ މިހާރު ވަނީ އެއް މަސް ދުވަހަށް ދިގުލައިގެން ގޮސްފައެވެ. އަދި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ދަނީ އިޤްތިޞާދީ ގޮތުން ބޮޑެތި ލޮޅުންތައް އަންނަމުންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެ ޤައުމުން ހުށަހަޅާފައިވާ ކަމަށް ބުނާ ފަސް ނުކުތާގެ މައްޗަކަށް އެކުލެވޭ ހުށަހެޅުންތަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ހަމައެކަނި ދައުރުވަމުންދާ ވާހަކަތަކެއް ކަމަށެވެ. އީރާނުން އެ ފަދަ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށް ފާހަގަކުރައްވައި ޢަރާޤްޗީ ވިދާޅުވީ ހަނގުރާމަ ހުއްޓައިލެވޭނީ އިސްވެ ޙަމަލާ ދިން މީހުންނަށް އެކަށީގެންވާ އަދަބު ލިބި، ހަނގުރާމައި ގެއްލުމުގެ ބަދަލު އީރާނަށް ދިނުމަށް އެއްބަަސްވާ ނަމަ ކަމަށެވެ.