ޚަބަރު

ސްޕޯޓްގޭޓް ޕޯޓަލް: މޯލްޑިވްސް 2.0 އަށް މުހިއްމު ބަދަލެއް


  • "މޯލްޑިވްސް 2.0" މަޝްރޫޢު ރައީސް އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ މޭމަހު

  • މިއީ ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ފެށި މަޝްރޫޢެއް

ސްޕޯޓްސް ކޮމިޝަނުގެ އޮފީހާއި ކުޅިވަރު ޖަމިއްޔާތައް ގުޅުވާދިނުމަށް ފަރުމާކޮށްފައިވާ "ސްޕޯޓްގޭޓް" ޕޯޓަލްއަކީ މޯލްޑިވްސް 2.0 ގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުޅިވަރު މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓަލްކޮށް ހަލުވިކަމާއެކު ފޯރުކޮށްދިނުން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ކުޅިވަރު ކޮމިޝަނާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއެކު މުވާސަލާތުކުރުމަށް ލުއިފަސޭހަކުރުމުގެ ގޮތުން ޑެވެލޮޕްކުރި ސްޕޯޓްގޭޓް ޕޯޓަލް އިތްތިތާހުކޮށްދެއްވުމަށްފަހު ޠަލާލް ވިދާޅުވެފަވަނީ މިޕޯޓަލްގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ "ޑިޖިޓަލް ދިވެހިންގެ ރާއްޖެ" ތަސައްވުރާ އެއްގޮތަށް ކުރެވުނު މުހިންމު މަސައްކަތެއްކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ "ޑިޖިޓަލް ދިވެހިންގެ ރާއްޖެ" މި ތަސައްވުރާ އެއްގޮތަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަޒީރު ލަފާދެއްވާފައިވަނީ. އަދި މިއީ މޯލްޑިވްސް 2.0 ގެ އަމާޒަށް ވާސިލްވުމަށްޓަކައި މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓަލްކޮށް ހަލުވިކަމާއެކު ފޯރުކޮށްދިނުން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް" ޠަލާލް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތެއް މި ޕޯޓަލްގެ ތެރެއިން ހޯދޭއިރު މި ކުޅިވަރާ ގުޅުންހުރި މުހިންމު މުއާމަލާތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވި، މިޕޯޓަލްގެ ޒަރީޢާއިން މުހިންމު މައުލޫމާތުތަކާ ލިޔެކިޔުންތައް އަރުޝީފު ކުރެވިގެންދާނެއެވެ.

ސްޕޯޓްގޭޓް ޕޯޓަލް އިން ކުރެވޭނެ މުހިންމު ކަންކަމުގެ ތެރޭގައި ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކުގެ ރަޖިސްޓްރޭޝަން ހުށަހެޅުމާއި ހިންގާ ގަވާއިދު ހުށަހެޅުމާއި ކުޅިވަރާ ގުޅުންހުރި އެހެން ކަންކަން ކުރުމުގެ އިތުރުން، ކުޅުންތެރިންނަށް ރިލީޒް ހޯދުމަށް ހުށަހެޅުމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއީ ކުޅިވަރު އެސޯސިއޭޝަންތަކާ ކުޅިވަރު ކޮމިޝަނާއި ގުޅުވައިދޭ ފާލަމަކަށްވާއިރު، މީގެ ކުރިން މި ޚިދުމަތްތައް ހޯދުމަށް ބޭނުންކުރަމުން ގޮސްފައިވަނީ "މީސް ޕޯޓަލް"އެވެ. "މީސް ޕޯޓަލް" އިން ޚިދުމަތްތައް ހޯދުމުގައި ގިނަ ދަތިތަކެއް ދިމާވަމުން ދިއުމާއި ވިދިގެން އެކަމަށް ހައްލެއް ހޯދުމަށް އައު ޕޯޓަލް އެއް ޑެވެލޮޕްކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ލަފަޔާއި ޚިޔާލު ހޯދާފައިވާނެކަމަށް ޠަލާލް ވިދާޅުވެފަވެއެވެ.

ސްޕޯޓްގޭޓް ޕޯޓަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރުގެ އިތުރުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންވަނީ ބައިވެރިވެފަވާއިރު، އެއެސޯސިއޭޝަންތަކުންވަނީ މި ޕޯޓަލްއާއި މެދު އެބޭފުޅުން ދެކިލައްވާގޮތް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވާފައެވެ.

"ސްޕޯޓްގޭޓް" ޕޯޓަލްއާއި ގުޅޭގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ނައިބު ރައީސް އާއިދާ ޢަބްދުލްހަކީމް ވިދާޅުވީ މިޕޯޓަލް މެދުވެރިކޮށް އެސޯސިއޭޝަންތަކުގެ މައުލޫމާތުތައް ލިބެން ހުންނާނެކަމަށާއި މިއީ އެބޭފުޅުންގެ ޑާޓާ ބަލަހައްޓަން ލިބުނު ލުއެއްކަމަށެވެ.

"އަޅުގަނޑުމެންގެ އެސޯސިއޭޝަނުން (ވީއޭއެމް)އިން ވަރަށް ބަލައިގަންނަން މިކަހަލަ ޕޯޓަލްއެއް. އަޅުގަނޑުމެންގެ ޑާޓާތައް ބަލަހައްޓަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. ކުރިއާ ޚިލާފަށް އަޅުގަނޑުމެންނާ ބައިވެރިވާ ހުރިހާ ބޭފުޅުންނަށް ފެނިގެންދާނެ އަޅުގަނޑުމެންގެ ހުރިހާ މައުލޫމާތެއް. މިއީ ކުޅިވަރު އާއިލާއަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް" އާއިދާ ވިދާޅުވިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަޙްމަދު މުންތަގިމްވެސް ވިދާޅުވީ އެސޯސިއޭޝަންތަކުން ޚިދުމަތް ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ އަޕްޑޭޓްތައް ވަގުތުން ވަގުތަށް ބަލާލެވޭގޮތަށް މިޕޯޓަލް ފަރުމާކޮށްފައިވުމަކީ ޕޯޓަލް އިތުރަށް ފުރިހަމަވެގެންދާ ސަބަބެއްކަމަށް ވިދާޅުވެފައެވެ.

"މިހާރު މި ފަރުވާކުރެވިފައިން ގޮތުން ހުށަހަޅާ ބަޔަކަށްވެސް ލިބިގެންދާނެ އެހުށަހެޅުން މިހާރު ގޮސްފައޮތީ ކިހާ ހިސާބަކަށްތޯ، ދެން އޮތީ ކޮންމެއްތޯ ފުރިހަމަ ނުކުރެވި. އެހެންވީމަ އެއީ ވަރަށް ބޮޑު ފަސޭހައެއް" މުންތަގިމް ވިދާޅުވިއެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓެރީ ހަސަން ރަޝީދު ޕީއެސްއެން ނިއުސްއާ ވާހަކަދައްވަމުން ވިދާޅުވީ މި ޕޯޓަލްގެ މަސައްކަތަކީ ސްޕޯޓްސް ކޮމިޝަނުން ކުޅިވަރު އެސޯސިއޭޝަންތަކާ ވަރަށް ގާތުން ކުރެއްވި މަސައްކަތެއްކަމަށެވެ.

ޕޯޓަލް ފަރުމާކުރެވިފައިވަނީ އެސޯސިއޭޝަންތަކާ ބައްދަލުކޮށް އެއްކުރެވުނު ޑާޓާތައް ހިމަނައިގެންކަމަށާއި ކޮމިޝަނުން ހޯދާ ޚިދުމަތްތައް ފަސޭހަކަމާއެކު މި ޕޯޓަލް މެދުވެރިކޮށް ހޯދޭކަމީ ކުޅިވަރު އެސޯސިއޭޝަންތަކުން ނުހަނު އުފާކުރާ ކަމެއްކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

"ކުރީގަ މިއިންނަނީ އީމެއިލްކޮށްލައިގެން ޕްރޮސެސްވާގޮތަށް. އެއް ޕްލެޓްފޯމެއްގެ ތެރެއިން މިކަހަލަ ގަވަނަންސް ކަންތައްތަކެއް ހެންޑްލް ކުރެވެންޏާ އެއީ އެސޯސިއޭޝަންގެ ހިންގުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމެއް" ހަސަން ވިދާޅުވިއެވެ.

"ސްޕޯޓްގޭޓް" ޕޯޓަލްއިން ޚިދުމަތްތަށް ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިފައިވާއިރު މި ޕޯޓަލް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބައެއްކަންކަން އާއިދާ ވަނީ ޕީއެސްއެން ނިއުސްއާ ހިއްސާކުރައްވާފައެވެ.

"މިއަށް އަދި އެބައިން އަޅުގަނޑު އިތުރު ޚިޔާލެއް، މިހާރު އެވޯޑްސް ނައިޓް އަޅުގަނޑުމެން އެސޯސިއޭޝަންތަކުން އެއްޗެހި މި ހުށަހަޅަނީ. އޭގެ ބަދަލުގައި މި ޕޯޓަލް މެދުވެރިކޮށް ކޮންމެ މުބާރާތެއް ނިންމާފަ އެމުބާރާތެއްގެ އަޕްޑޭޓް ލެވޭ ކަހަލަ ގޮތަކަށް މި ޕޯޓަލްގެ ތެރެއިން އައިސްފިއްޔާ އަދި އިތުރަށް މީތި ފުރިހަމަވާނެ" އާއިދާ ވިދާޅުވެފަވެއެވެ.

"ސްޕޯޓްގޭޓް" ޕޯޓަލް ރަސްމީގޮތެއްގައި ލޯންޗުކުރެވިފައިވާއިރު، މިޕޯޓަލް މެދުވެރިކޮށް މޯލްޑިވްސް 2.0 އާ އެއް ޕްލެޓްފޯމަކަށް ކުޅިވަރު ކޮމިއުނިޓީ ގުޅިލާމެހިގެންދާނެއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ 9 ވަނަ ދުވަހުއެވެ.

މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެކެވެ.