މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލުގެ ސަޕްލައި އިންތިހާއަށް ތާށިވެ، އަގުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބައިނަލްއަޤުވާމީ ގިނަ އެއާލައިންތަކުން ޓިކެޓުގެ އަގުތައް ބޮޑުކުރުމުން، ދަތުރުކުރާ މީހުން އަދަދު މަދުވާނެކަމަށް ލަފާކުރެވޭތީ، އެއާލައިންތަކަށް ގެއްލުމާ ކުރިމަތިލާންޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މިދިޔަ މަހުގެ 28ވަނަ ދުވަހު، އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ނިރުބަވެރި ޢުދުވާނު ފެށުމުގެ ކުރިން، ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް 41 ބިލިއަން އެމެރިކާގެ ޑޮލަރުގެ ފައިދާއެއް ވާނެކަމަށް އޮތީ ލަފާކޮށްފައެވެ.
ނަމަވެސް، ހަނގުރާމަ އާ ގުޅިގެން މަތިންދާބޯޓުތަކަށް އަޅާ ތެލުގެ އަގު ދެގުނަވެ، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެއާއެކު، ގިނަ އެއާލައިންތަކުން ވަނީ ޓިކެޓުގެ އަގު ބޮޑުކުރުމުގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ވެސް އަޅަން ފަށައިފައެވެ.
އެ ސިނާއަތުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެއާލައިންތަކަށް މިހާރު ކުރިމަތިވެފައިވަނީ ވަރަށް އުނދަގޫ ޙާލަތެކެވެ. މިގޮތުން، ދަތަރުކުރާ މީހުން އަދަދު މަދުވުން ފޫބައްދަން ޓިކެޓުގެ އަގު ދަށްކުރަން ވިސްނާއިރު، ތެލަށް ކުރަންޖެހޭ ހޭދަ ދެކޮޅު ޖައްސަން ޓިކެޓުގެ އަގު ބޮޑުކުރުން ނޫން ގޮތެއް ވެސް ނެތެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު، މިދިޔަ އަހަރު ވައިގެ ދަތުރުފަތުރުގެ ސިނާއަތް ވަނީ ނުވަ އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައެވެ.
މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރިމަތިވާނީ ބަޖެޓު އެއާލައިންތަކަށް ކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.
ސަބަބަކީ، ތެލުގެ އަގުތައް މަތިވުމާ ގުޅިގެން ގިނަ ޤައުމުތަކުގައި ދިރިއުޅުމުގެ އަގުތައް ވެސް މަތިވެފައިވާއިރު، އާންމުންގެ ގިނަ ބަޔަކު ކުރާ ދަތުރުތައް މަޑުޖައްސަލައިމުގެ ފުރުޞަތު ބޮޑުވުމެވެ.