އީރާނުން ދިން ވަރުގަދަ މިސައިލް ޙަމަލާއެއްގައި ޔަހޫދީންގެ ކެމިކަލް ޕްލާންޓަކަށް ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ.
މިސައިލް ޙަމަލާގެ ސަބަބުން ކެމިކަލް ޕްލާންޓު ހުރި ސިނާޢީ ސަރަޙައްދުގައި ވަނީ އަލިފާން ރޯވެފައެވެ. ވައިގެ ތެެރެއަށް ވިހަ މާއްދާތައް ފެތުރިފައިވާތީ އެ ސަރަޙައްދަށް ނުދިޔުމަށް ޢާންމުންނަށް ވަނީ އަންގައިފައެވެ.
އެކި މަންސަތަކުގައި ދައުރުވަމުންދާ ފޮޓޮއާއި ވީޑިޔޯތަކުން ބޮޑު ހުޅުގަނޑެއް ރޯވެފައިވާ މަންޒަރު ފެނެއެވެ. އަދި ބޯ ދުންގަނޑު ދުރަށް ފެތުރިފައިވާ މަންޒަރު ފެނެއެވެ. އަދި އެ ބިޔަ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމަށް އަލިފާން ނިއްވާ މީހުން ޙަރަކާތްތެރުވާ މަންޒަރު ވެސް ފެނެއެވެ.
ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އެއްވެސް މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާ ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުއެވެ. ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ދަނީ ޔަހޫދީންނާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތައް ދީ ގެއްލުން ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އީރާނުން ވަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ފުލުފުލުގައި ގިނަ ޢަދަދެއްގެ މިސައިލް ޙަމަލާ ދީފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ވެސް އީރާނުން ވަނީ ޔަހޫދީންނަށް އަމާޒުކޮށް މި ފަހުން ނުދޭ ވަރުގެ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.