ޚަބަރު

ދިފާޢީ ވުޒާރާގެ އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރ ވީކް ފަށައިފި


  • މިއީ ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ ޙަރަކާތެއް

  • މުވައްޒަފުންނާއި އާއްމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ބާއްވާނެ

ދިފާއީ ވުޒާރާގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އިންތިޒާމްކޮށް، އިނގިރޭސިވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޮޓޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރ ވީކް" ފަށައިފިއެވެ.

ދިފާޢީ ވުޒާރާއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހަރަކާތް ފައްޓަވައިދެއްވީ، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު މިޒްނާ ޢަލީއެވެ. މިއީ 2 ހަފުތާގެ މުއްދަތަކަށް ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ހުރިހާ ސްޓޭކް ހޯލަޑަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ، ރާއްޖޭގައި މި ހަރަކާތް ބާއްވާ ފުރަތަމަ ފަހަރެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އަކީ، ދުނިޔޭގެ ވައިގެ ދަތުރުފަތުރާއިބެހޭ މައި ޖަމިއްޔާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން 2030 ވަނަ އަހަރަށް ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ގްލޯބަލް އޭވިއޭޝަން ސެކިއުރިޓީ ޕްލޭންގައި އިސްކަންދީފައިވާ ކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއް ލަނޑުދަނޑިއެވެ. މި ހަރަކާތަކީ، މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ވައިގެ ސަލާމަތީ ޚިދުމަތް ދިނުމުގައި ޝާމިލްވާ އިދާރާތަކުން ކުރަމުންގެންދާ ނާޒުކު މަސައްކަތަށް ސިނާޢަތުގައި ހަރަކާތްތެރިވާ އިދާރާތަކުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން އަހުލުވެރިކޮށް، އެ ސިނާޢަތުގެ ސަލާމަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އެ މުވައްޒަފުންގެ ޝާމިލްވުން އިތުރު ކުރުމަށްޓަކައި ބޭނުންވާ ފަންނީ މައުލޫމާތު ޙިއްސާ ކުރުމެވެ.

މި ހަރަކާތުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އެއާޕޯޓުތަކުން ޚިދުމަތް ލިބިގަންނަ ޤައުމީ އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާއި، ފަސިންޖަރުންގެ ސަލާމަތްތެރިކަމަށް އިތުރު ފުރިހަމަ ކަމެއް ލިބި، ވައިގެ ޚިދުމަތް ފޯރުކޮށްދޭ ސަލާމަތީ އިދާރާތަކާއި ޖުމްލަކޮށް ނިޒާމާމެދު ޚިދުމަތް ހޯދާ ފަރާތްތަކުން ކުރާ އިތުބާރު އިތުރު ވެގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ.

ދިފާޢީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު މިޒްނާ ޢަލީ ވިދާޅުވީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިޤްތިސާދީ ކުރިއެރުމަށްޓަކައި ސަރުކާރުން ރާއްޖޭގެ ވައިގެ ދަރުތުފަތުރުގެ ޚިދުމަތް ހަރުދަނާކޮށް، އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރައްވަމުން ގެންދާ މަސައްކަތުގައި ވައިގެ ދަތުރުފަތުގެ ނިޒާމަކީ، ޚިދުމަތް ހޯދާ ފަރާތްތަކަށް އަމާން ރާއްކަތެރި މާހައުލެއްކަން ކަށަވަރު ކުރެއްވުމަށް ނުހަނު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރ ވީކުގެ ސަބަބުން އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރ ވީކް" އިފްތިތާޙް ކުރުމާއިއެކު މި ސިނާޢަތުގައި ހަރަކަތްތެރިވާ އިދާރާތަކުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ކުރިޔަށް އޮތް ދެހަފްތާގައި ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި މި ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމުގެ މަޤްސަދުގައި ޓްރެއިން ދަރ ޓްރެއިނަރ ޕްރޮގްރާމެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި އޭވިއޭޝަން ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިތުރުން އާންމު ދަތުރުވެރިން އަހުލުވެރި ކުރުމަށްޓަކައި ތަފާތު ކަންކަން އިންތިޒާމްކޮށް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެއާޕޯޓްތަކުގެ ޓާމިނަލްތަކުގައި ފަސިންޖަރުންނަށް ބޭނުންވާނެ މުހިންމު މައުލޫމާތު ފޯރުކޮށްދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބެނަރ، ޕޯސްޓަރ ހަރުކުރުމާއިއެކު ލީފްލެޓްގެ ޒަރީއާއިން މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން ޙިއްސާ ކުރާ ޢާއްމު މައުލޫމާތުގެ ތެރޭގައި އެއާޕޯޓުތަކުގެ އާއްމު މާޙައުލުން ފެންނަ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމަކީ ކޮބައިކަމާއި، އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ކަމާއި ގުޅުންހުރި ފަރާތްތަކަށް ވަގުތުން އެންގުމަށްޓަކައި އަމަލުކުރާނެ ގޮތްތައް އިންތިޒާމް ކުރެވިފައިވާ ގޮތް ޙިއްސާ ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވައިގެ ދަތުރުފަތުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، އެއާޕޯޓް އަދި އެއާލައިންތައް ހިންގަވާ ފަރާތްތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.