ޚަބަރު

"އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމުން ޕާޓީތަކަށް މަޖިލީހުގައި ހަމަހަމަ ފުރުޞަތު ބޮޑުވާނެ"


  • ރައީސް ވިދާޅުވީ "ސުޕަރ މެޖޯރިޓީ" ކޮންޓްރޯލް ކުޑަކުރެވޭނެކަމަށް

  • އެކި ޕާޓިތަކުގެ މެންބަރުންގެ ހަމަހަމަކަމަށް ފުރުޞަތު ލިބޭނެކަމަށް

  • ރައީސް ވިދާޅުވީ ރައްޔިތުންގެ އެއްވެސް ޙައްގަކަށް އުނިކަން ނާންނާނެކަމަށް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ސިޔާސީ ޕާޓީތަކާއި އަދި އިންތިޚާބުތަކުގައި ކުރިމަތިލާ އެންމެހާ ފަރާތްތަކަށް އެއް ހަމައެއްގައި އިންތިޚާބުގައި ވާދަކޮށް، ކާމިޔާބުކުރުމަށް ލިބޭ ފުރުޞަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޒުވާނުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހުރިހާ ގޮތަކުންވެސް ފައިދާ ކުރާނެކަމެއްކަމަށެވެ. އެންމެ ބޮޑު ފައިދާއަކީ "ފެއަރ އެންޑް ފްރީ" ނުވަތަ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަޤާފަތަށް ބަލާއިރު ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އަބަދުވެސް ވެރިކަން ކުރާ ޕާޓީއަށް ސުޕަރ މެޖޯރިޓީ މަޖިލީހުގައި ލިބެމުން އަންނަކަމަށެވެ. މީގެ އެއް ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަޖިލިސް އިންތިޚާބުގައި މަދުވުމާއި، "ސަރުކާރު ކެންޑިޑޭޓުން"ގެ ގޮތުގައި ސަރުކާރުގެ ވަސީލަތްތަކާއި މަސައްކަތްތައް ދައްކައިގެން ރައްޔިތުންގެ ގާތަށް ނިކުންނަ ނިކުތުމެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރާ މައި ދެ ޕާޓީއަށް ވޯޓު ލިބެނީ ނިސްބަތުން ވަރަށް ހަމަހަމަ މިންވަރަކަކަށްކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބާއެކު، މަޖިލިސް އިންތިޚާބު ބައްވައިފިނަމަ، ވޯޓުލާން ނިކުންނަ މީހުން އިތުރުވެ، ޕާޓީތަކުގެ ހަމަހަމަކަން މަޖިލީހުގެ ތެރެއިން ފެނުމުގެ ފުރުޞަތު ބޮޑުވާކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދެމެދު އޮންނަނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. ރައީސް ވިދާޅުވީ އިންތިޚާބެއް އެހާ ކައިރީގައި އޮންނާތީ، ސަރުކާރުގެ މަސައްކަތްތައްވެސް އެންމެ ބާރު ސްޕީޑްގައި ގެންދިއުމުގައި ހުރަސްތައް ކުރިމަތިވާކަމަށެވެ. އެހެންކަމުން ދެ އިންތިޚާބު އެކި އެކީގައި ބާއްވާނަމަ، ސަރުކާރުގެ ފުރަތަމަ ދުވަހުން ފަށައިގެންވެސް މަސައްކަތްތައް ފަށައިގަތުމަށް ފަހިވާކަމަށެވެ.

ޚިޔާލު ހޯދުމުގެ ވޯޓުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފާސްވެއްޖެނަމަ، އާ ސަރުކާރުގެ ޙިއްސާއާއެކު ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތަކަށްވެސް މަގުފަހިވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ މީގެކުރީގެ އެކި ޕްލެޓްފޯމްތަކުގައި ދެއްކެވި ފާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

އެއް ދުވަހެއްގައި އިންތިޚާބު ބާއްވައިފިނަމަ، ވެރިން ރައްޔިތުންގެ ގާތަށް ދާ މިންވަރު މަދުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ، މިއީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރަން ނިކުންނަ ވެރިންގެ ސިފައެއް ނޫންކަމަށެވެ.