ޚަބަރު

"ތިން ޑްރެޖަރާއެކު ގިރާވަރުފަޅު ހިއްކުން ބާރަށް ކުރިއަށް"


  • އެމްއޭސީއެލްއިން މިހާތަނަށް 35 ހެކްޓަރު ހިއްކައިފި

  • 3 ޑްރެޖަރުން މަސައްކަތް ކުރޭ

  • ގިރާވަރު ފަޅުގެ ބައެއް ސަރަޙައްދުގެ ފުން މިނުގައި 25 މީޓަރު ހުރޭ

ގިރާވަރުފަޅުގެ މަސައްކަތްުގައި 3 ޑްރެޖަރު ބޭނުންކުރާކަމަށާއި، ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ގިރާވަރު ފަޅުގެ ބައެއް ސަރަޙައްދަކީ ވަރަށް ފުން ސަރަޙައްދުތަކަށް ވުމާއެކު ހިއްކުމުގައި ގޮންޖެހުންތައް ހުރިނަމަވެސް، މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލްއިން ހިއްކަމުންދަނީ މަސައްކަތުގެ ނުނިމިވާ 97.15 ހެކްޓަރުގެ ބިމެވެ. މިދިޔަ ސަރުކާރު ނިމުނިއިރު ނިންމާފައި އޮތީ 70 ހެކްޓަރެވެ.
އެމްއޭސީއެލްގެ ސީއީއޯ ވިދާޅުވީ މަސައްކަތްތައް ހަލުވިކުރުމަށް، މި މަސައްކަތުގައި 3 ޑްރެޖަރު ބޭނުންކުރަމުންދާކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ފަޅުގެ ފުންކަންކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި ފަޅުގައި 25 މީޓަރު ފުން ސަރަޙައްދެއްވެސް އެބައޮތް. 15 މީޓަރަށް ވަނީ ވެލި އެޅިފައި. ބާކީ 10 މީޓަރަށް ވެލި އެޅުމާއެކު، ދެން ވަރަށް ބާރަށް ހިކެމުންދާތަން ކުރިއަށް އޮތް 2-3 ހަފްތާ ތަރޭ ފެންނާނެ. އާއްމުކޮށް ރާއްޖޭގައި ހިއްކާ ފަޅުތަކަކީ 2-3 މީޓަރުގެ ފުން ފަޅުތައް" ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ގިރާވަރު ފަޅު ހިއްކަން ފެށީ ފެބްރުއަރީ މަހުއެވެ. މިހާތަނަށް އެ ކުންފުނިން 35 ހެކްޓަރު ވަނީ ހިއްކާފައެވެ.
އެމްއޭސީއެލްއިން މަސައްކަތްކުރަނީ އަންނަ މަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށެވެ.