ސަޢުދީ ޢަރަބިއްޔާގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ ބަނދަރަކަށް އީރާނުން ދިން ޙަމަލާއެއްގައި އެމެރިކާ ސިފައިން 12 މީހަކު ޒަޚަމްވެފައިވާކަމަށް ބުނެފިއެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ޙަވަލާދީ ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްތާން އަސްކަރީ ވައިގެ ބަނދަރަށް އީރާނުން ދިން ޙަމަލާތަކުގައި ޒަޚަމްވި އެމެރިކާ ސިފައިންގެ މީހުންގެ ތެރެއިން، ދެ މީހެއްގެ ޙާލު ސީރިއަސް ކަމަށެވެ.
ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނާ ގުޅިގެން، އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ވެސް ދަނީ ޔަހޫދީ ދައުލަތުގެ މުޙިއްމު ބިނާތަކުގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
އެ ޙަމަލާތަކުގައި މިހާތަނަށް އެމެރިކާ ސިފައިންގެ 13 މީހަކު މަރުވެ، 300އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ސަޢުދީ ޢަރަބިއްޔާގެ އިތުރުން، ކުވެއިތަށް ވެސް އީރާނުގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވެއެވެ.
މިގޮތުން، މިއަދު ދިން ޑްރޯން ޙަމަލާތަކުގައި، ކުވެއިތު އިންޓަރނޭޝަނަލް އެއާޕޯޓުގެ ރާޑަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ވެސް ބުންޏެވެ.
އަމިއްލަ ދިފާޢުގައި އީރާނުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ވެސް ބަންދުކުރަންޖެހި، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ.