ލ. ގަމުގައި މަޝްހޫރު 'ޕަރީ ފެންގަނޑު' ސަރަހައްދު ކުރިއަރުވައި، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ގަމުގެ އާސާރުތަކާ ގުޅޭ މަޢުލޫމާތުދޭނެ މަރުކަޒެއް ބިނާކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، މި މަޝްރޫއަށް ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ އެ ރަށުގެ ޓޫރިޒަމް ކުރި އެރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ސެންޓަރު ބިނާކުރުމަށް ބިޑު ހުޝަހެޅުމުގެ ފުރުޞަތު ހުޅުވާލުމާއެކު އެކި ފަރާތްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވާ ޒަކީ ވިދާޅުވީ މި މަޝްރޫޢު ހިންގުމަށް ރަށުންނާއި ރަށުން ބޭރުގެ އެކި ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އެ ސަރަޙައްދަށް ބޭނުންވާ ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިއާދަކުރަނިވި ހަކަތަ މެދުވެރިކޮށްކަމަށް ފާހަގަކުރެއްވިއެވެ.
މި މަޒުކަޒު ގާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ޕަރީ ފެންގަނޑާ ބެހޭ މައުލޫމާތުގެ އިތުރުން، ގަމުގެ އާސާރީ ތަންތަނާ ބެހޭ މައުލޫމާތު ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މިކަމަށްޓަކައި ޚާއްސަ މީހުން ތަމްރީނުކޮށް، ސެންޓަރުގައި މައުލޫމާތު ދިނުމަށް ބައިތިއްބާނެ ކަމަށް ގަމު ކައުންސިލުން ވިދާޅުވިއެވެ.