އަންނަ އަހަރުގެ މެއި މަހަށް ތާވަލުކުރެވިފައިވާ އާސިއާން ސަމިޓު ކުރިއަށްދާނެކަމަށް ފިލިޕީންސްގެ ރައީސް ފަރޑިނޭންޑް މާކޯސް ޖޫނިއަރ ވިދާޅުވެއްޖެއެވެ.
ދެކުނު އިރުމަތީ އޭޝިޔާގެ 10 ޤައުމެއް އެކުލެވޭ ޖަމުޢިއްޔާ، އާސިއާންގެ މި އަހަރުގެ ބައްދަލުވުން މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބޭއްވޭނެކަމާމެދު އޮތީ ސުވާލު އުފެދިފައެވެ. ފިލިޕީންސްގެ ރައީސް ވިދާޅުވީ، ތާވަލުކުރެވިފައިވާ ގޮތަށް އެ ސަމިޓު ބާއްވާނެ ކަމަށެވެ. ނަމަވެސް، މި އަހަރުގެ ބައްދަލުވުމުގެ އެޖެންޑާގައި ގިނަ ކަންތައްތައް ނުހިމެނޭނެ ކަމަށާއި، އެ ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔެއާއި ސަރަޙައްދަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ އަސަރުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިގޮތުން ތެލާއި ކާބޯތަކެތީގެ ސަޕްލައި ކުރުމުގެ ވިއުގަތަކަށާއި ބޭރު ޤައުމުތަކުގައި ވަޒީފާ އަދާކުރާ އެ ސަރަޙައްދުގެ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުން ކަމަށް ފިލިޕީންސްގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އާސިއާންގެ މުޤަރިއްރިރުގެ ގޮތުގައި މި ވަގުތު ހުންނެވި ފިލިޕީންސްގެ ރައީސްގެ ދަޢުރު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ މަހަކަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ގޮސްފައިވާއިރު، ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ.
ތެލާއި ޤުދުރަތީ ގޭސް އުފުލާ މައި މަގެެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް ދަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ. އެއާއެކު އޭޝިޔާގެ ޤައުމުތަކުން ދަނީ އެ ޤައުމުތަކުގެ އިޤްތިޞާދު ރައްކާތެރި ކުރުމަށް މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ.
އެ ގޮތުން ފިލިޕީންސްއިން މިހާރު ވަނީ އެ ޤައުމުގައި ހަކަތައިގެ ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ.