ޚަބަރު

އިންވެސްޓަރުންނަށް ރެސިޑެންސީ ޕްރޮގްރާމް އަންނަ މަހު ތަޢާރަފްކުރަނީ


  • ޕާލް ރެސިޑެންސީ ތަޢާރަފްކުރުމަށް ބޭނުންވާ ޤާނޫނީ މަސައްކަތްތައް ދަނީ ކުރަމުން

  • ޕްރޮގްރާމް ފަރުމާކުރާ އެޗްއެންޕީ ކުންފުނިން 33 ޤައުމެއްގައި ޚިދުމަތްދޭ

އިންވެސްޓަރުންނަށް ޚާއްސަ ޕާލް ރެސިޑެންސީ ވިސާ އަންނަ މަހު ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.

ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ މިދިޔަ އަހަރު ސިންގަޕޫރުގަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގައި ބޭއްވި އިންވެސްޓަރ ފޯރަމުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި އިންވެސްޓް ކޮށް ދިގުމުއްދަތަކަށް ރާއްޖޭގެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަޢާރަފް ކުރާ ޕްރޮގްރާމެކެވެ.

ޕާލް ރެސިޑެންސީ ވިސާ ޕްރޮގްރާމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ މި ޕްރޮގްރާމު ތަޢާރަފްކުރުމަށް ބޭނުންވާ ޤާނޫނީ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާއި ގުޅިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

"އޭގެ އިތުރަށް ޕާލް ރެސިޑެންސް ވިސާ ނަމުގައި ރެސިޑެންސީ ވިޔަފާރިއެއް ތައާރަފްކުރުމަށް ބަޔަކާއި އެކު ސޮއިކޮށްގެން މިދަނީ، އެޗްއެންޕީ، ހެންލީ އެންޑް ޕާޓްނާސް އެކު. އެއަށް މިހާރު ކުރަން ޖެހޭ ޤާނޫނީ މަސައްކަތް އެޓާނީ ޖެނެރަލް އާއެކު ކުރިއަށް އެބަ ގެންދަން. އަޅުގަނޑުމެންގެ ޓާގެޓަކީ އެޕްރީލް މަހު ޕާލް ރެސިޑެންސީ ދިވެހިރާއްޖޭގައި ތައާރަފްކުރުން. ބައެއް ފަރާތްތަކުން މީތި އަޅާ ކިޔާ، ދުބާއީގައި ކުރިއަށް ގެންދާ ގޯލްޑެން ވިސާ ޕްރޮގްރާމާއި." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވަނީ މިދުވަސްވަރު މި ވިސާ ތަޢާރަފްވެގެން ދިއުމަކީ އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމެއް ގޮތުގައި ފާހަގަކުރައްވާފައެވެ. ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން މިހާރު ރާއްޖެއާށް މިފަދަ ޕްރޮގްރާމެއް ހިންގުމަށް ރަނގަޅު ފުރުސެއް އޮތްކަން، މިމަސައްކަތް ކުރަމުންދާ އެޗްއެންޕީ ކުންފުނިންވެސް ފާހަގަކޮށްފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިޤްތިޞާދީ ވަޒީރު ވަނީ އެކުންފުންޏާއި ހަވާލުވެ މި މަސައްކަތް ކުރެވުމަކީ ޕްރޮގްރާމް އިތުރަށް ފަހިވެގެންދާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެެވެ. މިމަސައްކަތް ކުރާ އެޗްއެންޕީ ކުންފުޏަކީ މިހާރުވެސް ދުނިޔޭގެ 33 ޤައުމެއްގައި ހަރަކާތްތެރިވާ އަދި ގިނަ ގުޅުންތަކެއް އޮތް ކުންފުންޏަކަށްވެފައި މި ނެޓްވޯކުގެ ތެރެއަށް ރާއްޖެ ވަނުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގެނީ މިކަން ކުރަނީ ދުނިޔޭގައި މި ވިޔަފާރީގައި އެންމެ ވަރުގަދަ ފަރާތް. މި ވިޔަފާރީގައި އޮވޭ ވަރަށް ބޮޑަށް، 33 ޤައުމުގައި އެ ބޭފުޅުން ހަރަކާތްތެރިވޭ. މިގޮތަށް ހަރަކާތްތެރިވާއިރު ވަރަށް ވަރުގަދަ ނެޓްވޯކެއް އޮވޭ. މި 33 ޤައުމުގެ ތެރެއަށް ރާއްޖެ އަންނައިރު ރާއްޖެ މިއަންނަނީ، ވަރުގަދަ ބްރޭންޑެއްގެ ގޮތުގައި. ދުނިޔޭގެ އެންމެ ވަރުގަދަ ބްރޭންޑަކީ ރާއްޖެ. ރާއްޖޭގައި ދިގު މުއްދަތަކަށް ގިނަ ދުވަހަށް، ރެސިޑެންސީ ލޯންގް ޓާމް ރެންޓަލްއެއްގައި ހިފައިގެން ހުރެވޭނެ އިންތިޒާމު ހަމަޖެއްސިއްޖެ ނަމަ އެވާނެ ވަރަށް ބޮޑު ކުރިއެރުމަކަށް. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތަށް އިތުރުވެގެން ދިޔަ ވަރަށް ބޮޑު ބޮޅެއް. " ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރާއްޖެއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ޚާއްސަ ރެސިޑެންސީ ޕްރޮގްރާމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެޕްރީލް މަހު މި ޕްރޮގްރާމް ތަޢާފްކޮށް، ބައިވެރުވުމަށް ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރައްވާކަން ހާމަކޮށްފައެވެ.

މިދުވަސްވަރު މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ އަސަރު ވަނީ ކޮށްފައެވެ. މިއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ވިސާއަކާއި ރިމޯޓްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ވިސާއެއް ތަޢާރަފް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.