ޚަބަރު

ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް ގެންނަން ފަށައިފި


  • ފުރަތަމަ ބުރުގައި 60 ކާރު ގެނެސްފައިވޭ

  • ދެވަނަ ޝިޕްމަންޓުގައި ހިމެނޭ 90 ކާރު މިމަހުގެ 29ގައި ގެނެވޭނެ

ސަރުކާރުން ތަޢާރަފް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތައް މާލެ ގެންނަން ފަށައިފިއެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 60 ކާރު މިހާރު ވަނީ މާލެ ގެނެސްފައެވެ.

އެމްޓީސީސީން ވިދާޅުވީ، ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދ މިމަހުގެ 29 ވަނަ ދުވަހު ކާރުތަކުގެ ދެވަނަ ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ. ދެވަނަ ޝިޕްމަންޓުގައި ހިމެނެނީ 90 ކާރެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ، އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށެވެ.

އެމްޓީސީސީން ވިދާޅުވީ، މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ މައިގަނޑު އަމާޒަކީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށެވެ.

ސަރުކާރުން ތަޢާރަފް ކުރާ ޓެކްސީ ލައިންގެ ޚިދުމަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކާރުތަކުގެ ދެވަނަ ޝިޕްމަންޓް މާލެ ގެނެވޭނެ ކަމަށެވެ. އަދި އަންނަމަހުގެ 2ގައި މި ޚިދުމަތް ފެށުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

" އަޅުގަނޑުމެންގެ ސަރުކާރުން ރައީސް އިސްނަންގަވައިގެން ޓެކްސީ ކުރުމުގެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމަށްޓަކައި އެމްޓީސީސީން ޤާއިމްކުރާ މާލޭ ޓެކްސީލައިންގައި ބޭނުން ކުރާ ކާރުތައް މިއަދު އޭގެ އެއްބައި މި ގެނެވުނީ. ކުރިއަށް އޮތް 4 ވަރަކަށް ދުވަސް ތެރޭގައި ދެވަނަ ބައި އައުމާއެކީގައި މިމަހުގެ ނިމޭހިސާބުގައި ނުވަތަ އަންނަ މަހުގެ 2ގައި ރައްޔިތުންނަށް މި ޚިދުމަތް ފެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާ އެ ޚިދުމަތް ފެށުން.". ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި، ޑްރައިވަރުން ހޯދުމާއި، ތަމްރީނު ކުރުމާއި އަދި މިނޫންވެސް މުހިންމު ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ކާރުތައް މިއައީ. އެންމެ ފަހުގެ ޝިޕްމަންޓުވެސް މިމަހުގެ 28ގައި އަންނާނެ. މި މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި އެމްޓީސީސީން މިއަންނަނީ ފުރިހަމައަށް ތައްޔާރުވަމުން. ޑްރައިވަރުން ހޯދުމާއި، ޑްރައިވަރުން ތަމްރީނު ކުރުމުގެ މަސައްކަތްތަކާއި، ޓެކްސީ ލައިންގައި ބޭނުންކުރާ އެޕްލިކޭޝަން ތައްޔާރު ކުރުމުގެ މަސައްކަތާއި، މި ހުރިހާ މަސައްކަތްތަކެއްވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. 24 ގަޑިއިރު މި ޚިދުމަތް ކުރިއަށްދާނެ". އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ގެންނަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ.

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.