ޚަބަރު

ނޭޕާލް ޓީމުވެސް ރާއްޖެ އަތުވެއްޖެ، އަމާޒަކީ ތަށި


  • ނޭޕާލަކީ އެންމެ ފަހުގެ މުބާރާތުގެ ރިހި މެޑަލް ހޯދި ޓީމު

  • ކޯޗު ބުނީ ހުރިހާ ޓީމެއްވެސް ވަރަށް ވާދަވެރިވާނެކަމަށް

20 އަހަރުން ދަށުގެ ސާޕް ޗެމްޕިއަންޝިޕުގައި ވާދަކުރާ ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެއެވެ. މިއަދު މެންދުރު ޓީމު މާލެ އައިސްފައިވާއިރު ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތިބުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ.

ނޭޕާލަކީ އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ރަނަރަޕް ޓީމެވެ. ބާސެލޯ ނަސަންދުރައިގައި ހުރެގެން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނޭޕާލް ޓީމުގެ ކޯޗު އުރުޖަން ޝްރެސްތާ ބުނީ މިއަހަރު އަމާޒަކީ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.

"މިދިޔަ އަހަރު އަހަރުމެންނަކީ ރަނަރަޕް ޓީމު. އެ މުބާރާތުގެ ފައިނަލްގައި ބަންގްލަދޭޝް އަތުން ބަލިވިޔަސް މިފަހަރު ވަރަށް ރަނގަޅަށް ތައްޔާރުވެގެން މިއައީ މުބާރާތް ކާމިޔާބުކުރަން" ޝްރެސްތާ ބުންޏެވެ.

ނޭޕާލް ޓީމުގެ ކޯޗު ބުނީ ހުރިހާ ޓީމެއްވެސް ވަރަށް ވާދަވެރިވާނެ ކަމަށެވެ. އެހެންނަމަވެސް ރަނގަޅު ވާދައެއްކޮށް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމު ހުރިހާ ކުޅުންތެރިންގެ އެބަހުރި ކަމަށް ޓީމުން ބުނެއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލް ޓީމުން ވަނީ މަހެއްހާ ދުވަހު ފަރިތަކުރުންތައް ބާއްވާފައެވެ.

ސާފް ޗެމްޕިއަންޝިޕް އޮންނާނީ މާޗް 23 ން އޭޕްރީލް 03 އަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. ނޭޕާލް ހިމެނެނީ ސްރީލަންކާ، ދިވެހިރާއްޖެ އަދި ބޫޓާނާއި އެކު ގްރޫޕް އޭގައެވެ.

މުބާރާތުގައި ނޭޕާލް އެންމެ ފުރަތަމަ ކުޅެން ޖެހެނީ މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާނާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ 23 މާޗްވާ ހޯމަ ދުވަހުގެ ހަވީރު 15:45 ގައެވެ. ނޭޕާލްގެ ދެވަނަ މެޗު އޮންނާނީ 25 މާޗްގެ ހަވީރެވެ. އެ މެޗުގައި ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި ރާއްޖެއާއި ދެކޮޅަށް ނޭޕާލް ނިކުންނާނީ 27 މާޗްވާ ހުކުރު ދުވަހުގެ ހަވީރެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މާލެ އައިސްފައިވަނީ ސްރީލަންކާ ޓީމެވެ. އަދި ބޫޓާނާއި، ނޭޕާލް ގެ އިތުރުން މިހާރުވަނީ ބަނގްލަދޭޝް ޓީމުވެސް ވަނީ މާލެ އައިސްފައެވެ. ހުރިހާ ޓީމުތަކެއް ބާސެލޯ ނަސަންދުރައިގައި ތިބުމަށް ހަމަޖެހިފައިވާއިރު މިއަދު މެންދުރު ރާއްޖޭގެ ޒުވާން ޤައުމީ ޓީމުވެސް ވަނީ ނަސަންދުރައަށް ޗެކިން ވެފައެވެ.